ޚަބަރު

ވަކާލާތު ކުރުމުގެ ހުއްދަ އިތުރު 27 ބޭފުޅަކަށް ދެއްވައިފި


ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ހުއްދަ އިތުރު 27 ބޭފުޅަކަށް ދެއްވައިފިއެވެ.މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލަށް ޤާނޫނީ ވަކީލުލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ހުއްދަ ދެއްވި 27 ބޭފުޅުންނަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުހައްމަދު އަނިލްގެ ކުރިފުޅުމަތީގައި ޤާނޫނީ ވަކީލުކަމުގެ ހުވައިލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުހައްމަދު އަބްދުﷲއެވެ.ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވުމަށްފަހު މި 27 ބޭފުޅުންވަނީ ޤާނޫނީ ވަކީލުކަމުގެ ހުވައިގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ.ވަކީލުން ހުވައިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.އަލަށް ހުވައި ކުރެއްވި 27 ބޭފުޅުންނާއެކު ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ހުއްދަ 943 ބޭފުޅަކަށް ދެއްވާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ.