އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީގެ ޑިރެކްޓަރު، ކްރިސް ކްރެބްސް މަޤާމުން ވަކިކޮށްފިއެވެ. ކްރިސް ކްރެބްސް މަޤާމުން ވަކިކޮށްފައިވާކަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު އިޢުލާނުކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ.
ރައީސްކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލެއްވި ރައީސް ޓްރަންޕު އިންތިޚާބުގައި ނާކާމިޔާބުވުމުންވަނީ ވޯޓު އޮޅުވާލާފައިވާކަމަށް ވިދާޅުވެ ރައީސް ޓްރަންޕުދަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.
ޓްވިޓާގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ޓްރަންޕު ވިދާޅުވީ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީގެ ޑިރެކްޓަރު، ކްރިސް ކްރެބްސް މަޤާމުން ވަކިކޮށްފައިވަނީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ކްރެބްސް ވިދާޅުވުމުންކަމަށެވެ. އެއީ ހަޤީޤަތާއި ޚިލާފު ވާހަކައެއްކަމަށާއި 2020ވަނަ އަހަރުގެ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް ރައީސް ޓްރަންޕު ވިދާޅުވިއެވެ. ޓްވިޓާއިންވަނީ އެ ޓްވީޓުގައިވާ އިންތިޚާބާއި ގުޅޭ ވާހަކަތަކަކީ ސައްޙަ ވާހަކަތަކެއްކަމާމެދު ސުވާލު އުފެދޭކަމަށް ބުނެ ނޯޓިހެއް ޖަހައިފައެވެ.
ބައެއް މަސްދަރުތަކުން ބުނީ ކްރެބްސް ހުންނެވީ މަޤާމުން ވަކިކުރައްވާނެކަމަށް ތައްޔާރުވެވަޑައިގެންކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބައެއް ގާތް ބޭފުޅުންގެ އަރިހުގައި އޭނާ މަޤާމުން ވަކިކުރާނެކަމަށް ޤަބޫލުކުރައްވާކަމަށްވަނީ ވިދާޅުވެފައެވެ. މަޤާމުން ވަކިކޮށްފައިވާކަން ކްރެބްސްއަށް އެނގިވަޑައިގަތީ ރައީސް ޓްރަންޕުގެ ޓްވީޓުންކަމަށް އެ މަސްދަރުތަކުން ބުންޏެވެ. ރައީސް ޓްރަންޕުގެ ޓްވީޓަށްފަހު ކްރެބްސްގެ އަމިއްލަ ޓްވިޓާ އެކައުންޓުގައި ކޮށްދެވުނު ޚިދުމަތްތަކާއިމެދު ފަޚުރުވެރިވާކަމަށާއި އެޅުއްވީ ރަނގަޅު ފިޔަވަޅުތައްކަމަށް ޤަބޫލުކުރައްވާކަމަށް ކްރެބްސްވަނީ ލިޔުއްވާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ޕޯސްޓު މެދުވެރިކޮށް ލާ ވޯޓުތަކުގެ ރައްކާތެރިކަމާއިމެދު ރައީސް ޓްރަންޕު ސުވާލު އުފެއްފެވުމުން ކްރެބްސްވަނީ ކޮންމެވެސް ވަރަކަށް އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކުރެއްވުމުގައި މާބޮޑަށް ބަސް ވިދާޅުވެފައެއް ނުވެއެވެ. އެއާއި ޚިލާފަށް އިންތިޚާބަށް ފަހުގައި އޭނާވަނީ އިންތިޚާބާއި ގުޅޭގޮތުން ފަތުރަމުންދާ ބައެއް ވާހަކަތަކުގެ ސައްޙަކަމާއިމެދު ޓްވިޓާ މެދުވެރިކޮށް ޤަވާއިދުން ސުވާލު އުފައްދަމުންނެވެ.