ދެކުނު ކޮރެއާގެ ސޯލް ސަރަޙައްދުގައި ކޯވިޑް-19އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފިއެވެ.
ދެކުނު ކޮރެއާގައި މިހާތަނަށް 28،998 މީހުންނަށް ކޯވިޑް-19 ޖެހި 229 މީހުންވަނީ މަރުވެފައެވެ. އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެންފެށި ދުވަސްވަރު ޗައިނާއަށްފަހު އެންމެ ބޮޑަށް ބަލިފެތުރުނު އެއް ޤައުމަކީ ދެކުނު ކޮރެއާއެވެ. ނަމަވެސް ބައްޔާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ތަހުލީލުކުރާ މިންވަރު އިތުރުކޮށް ބަލިފެތުރޭ މިންވަރު މަދުކުރުމުގައި ކާމިޔާބުވި ޤައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެއެވެ. ނަމަވެސް ދުވަސްދުވަސްކޮޅުން އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އެގޮތުން އެންމެ ފަހުން ބަލި ފެތުރޭ މިންވަރު އިތުރުވުމަށްފަހު އެ ނިސްބަތް ދަށް ކުރެވުމުން ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
އެ ޤައުމުގައި ބަލިޖެހޭ މިންވަރު އަނެއްކާވެސް އިތުރުވެ ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 200އިން މަތީގައި ހުންނަތާ ޖެހިޖެހިގެން ހަތަރު ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 223 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ޢަދަދު 400އަށް އިތުރުވުން އެކަށީގެންވާކަމަށް ރަސްމީ އިދާރާތަކުންވަނީ އަންދާޒާކޮށްފައެވެ.
ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ބުނީ ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ ބޮޑު ކާރިޘާއަކާއި ޤައުމުން ކުރިމަތިލާންޖެހޭނެކަމަށެވެ. އެހެންކަމުން އެފަދަ ޙާލަތަކަށް ދިޔަ ނުދިޔުމަށް އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން 100އަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން މަނާވާނެއެވެ. އަދި ދީނީ އެއްވުންތައް ބޭއްވުމުގައިވެސް ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ކުޅިވަރު ޙަރަކާތްތައް ބެލުމަށް ބެލުންތެރިންނަށް ހާޒިރުވެވޭނީ ތަނުގެ ޖާގައިގެ 30 އިންސައްތައަށް ވާވަރަށެވެ. ބަލިފެތުރުމުގެ ފުރުޞަތު ބޮޑު މުނިފޫހިފިލުވުމުގެ ޙިދުމަތްދޭ ތަންތަނުގައިވެސް ގައިދުރުކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށްވަނީ އަންގައިފައެވެ.
ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގ ސައި ޔުން ވިދާޅިވީ ސޯލްގެ ސަރަޙައްދުގައި ބަލީގެ ނުރައްކާ ވަކިން ބޮޑުވެފައިވާކަމަށެވެ. ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ ފިޔަވަޅުތައް ނާޅާއިފިނަމަ ދިމާވާ އުނދަގުލާއި ލިބޭ ގެއްލުންތައް މާ ބޮޑުވާނެކަމަށް ކުރިން ކުރި ތަޖުރިބާއިން ހެކިދޭކަމަށް އޭނާ ވިދާޅުވިއެވެ.