ޚަބަރު

ޓެރަރިޒަމް ނައްތާލުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ


ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް ދުނިޔޭގެ ލީޑަރުން ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންފިއެވެ.އދ.ގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ބައްދަލުވުމުގެ ހަވާސާގައި ދުނިޔޭގެ ލީޑަރުން ބޭއްވި މި ބައްދަލުކުރެއްވުމުމުގައި ހައްދުފަހަނައަޅާފައިވާ އައި.އެސް ޖަމާއަތާދެކޮޅަށް ޤައުމުތަކުން ތެދުވުމުގެ މުހިންމުކަމުގެ މައްޗަށްވަނީ ވާހަކަދައްކަވާފައެވެ.މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާއަތުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވަނީ ވަކިޤައުމަކަށް ނުވަތަ ސަރަހައްދަކަށް ނޫންކަމަށާއި، އެޖަމާއަތުގެ ނުރައްކާތެރިކަން މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާރުތައް ގުޅިގެން އެޖަމާއަތާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓެރެރިޒަމާއި، ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ދިވެހި ސަރުކާރުން ދެކޮޅުކަމަށާއި، އެކަން ނައްތާލުމަށް ރާއްޖޭގެ ފަރާތުން ވެދެވެން އޮތް އެންމެފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުކުރެއްވުމުގައި ދުނިޔޭގެ ފަސްދޮޅަހަށްވުރެ ގިނަ ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.