ކުޅިވަރު

ފުރިހަމަ ބާރު ލިބިފައިއޮތަސް އަމާޒު ހަނދާނެއް ނުނެތޭ: ޖޯހިމް ލޯ


ނޭޝަންސް ލީގުގައި މިރޭ ސްޕެއިންނާ ދެކޮޅަށް ނުކުންނައިރު މިވަގުތު ގުރޫޕްގެ އެއްވަނައިގަ އޮތަސް ދާންބޭނުންވާ މިސްރާބު ހަދާންނުނެތޭ ކަމަށް ޖަރުމަނު ކޯޗު ޖޯހިމް ލޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ލޯ ބުނީ މެޗުގެ ކުރިން އެޓީމަށް އެޑުވާންޓޭޖެއް ލިބިފައޮތަސް އެކަމުގައި ފައިދާއެއް މެޗުގައި ކުރާނެކަމަށް ނުބެލެވޭ ކަމަށް ލޯ ބުންޏެވެ. އޭނާ ބުނީ ސްޕެއިން މެޗަކީ ވަރަށް ވަރުގަދަ ޗެލެންޖެއް ކަމަށާ ޓީމުގެ ފަހަތުން މިމެޗުގައި ވަރަށް ސަމާލުވާން ޖެހޭނެކަމަށެވެ. އެންމެފަހުން ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކިފަދަ ކުޅުމެއް މިމެޗުގައި ދެއްކިއްޖެނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް ވެސް ލޯ ބުންޏެވެ.

ޓީމުން މިހާތަނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފި ކަމަށާއި އެހެންކަމުން އޭގެ ނަތީޖާގެ އަލީގައި މިރޭ މޮޅެއް ހޯދައި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލު ބުރުން ޖާގަ ހޯދުމަކީ މުހިންމުކަމެއް ކަމަށް ލޯ ބުންޏެވެ. ޖަރުމަނު ގުރޫޕްގެ އެއްވަނަ އަތުލީ އެންމެ ފަހުން ސްޕެއިން ކުޅުނު މެޗު އެއްވަރުވެ ޔުކްރެއިން އަތުން ޖަރުމަނު މޮޅުވުމުންނެވެ. ޖަރަމަނުން ވަނީ އެންމެފަހުން އެޓީމު ކުޅުނު ހަމެޗުގެ ތެރެއިން ހަތަރު މެޗުން އެއްވަރުވެފައެވެ.

ޖަރުމަނު ކޯޗު ކަމުގައި 14 ވަނަ އަހަރު ގުނަމުންދާ ލޯ ވަނީ އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން އަމާޒު ހިފާފައެވެ. ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލު ބުރުގެ ކުޅުން އޮންނަނީ އަންނައަހަރުގެ އޮކްޓޯބަރު މަހުގައެވެ.