ސުކޫކު ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުފައިވަނީ ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފައިމިވަނީ ތިންސަތޭކަ މިލިއަން ޑޮލަރުގެ ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުމަށް އުޅޭކަމަށް ބުނެ އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ތިންސަތޭކަ މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިންގ އިންސްޓުރޫމަންޓެއް ކަމަށެވެ. ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމެނުމުގެއިތުރަށް ބަޖެޓް ސްޕީޗްގައި މިސުކޫކަށް އަލި އަޅުވާލެވި، އަދި ރަތްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިންގ އިންސްޓުރުމަންޓުތަކާ ޚިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި އިންސްޓުރުމަންޓުގެ ސްޓްރަކްޗަރގައި އެސެޓެއް ބެކް ކުރެވިގެން އިޝޫ ކުރެވޭ އިންސްޓުރުމަންޓުތަކެކެވެ.
އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ)އާއެކު ވިއްކުމަށް މަސައްކަތްކުރާ މިމައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ. އެގޮތުން ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ، 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރާނެ ކަމަށާއި ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް މާލީ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އަށް ލީސް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަރޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެއެވެ. އެހެންކަމުން މި ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށާ މިސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ 2017ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަަމަށެވެ. ނަމަވެސް އެއިރު ޤާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި އިޝޫކުރެވޭ ގޮތް ނުވިކަމަށެވެ.
ދައުލަތުން މަސައްކަތް ކުރަމުންދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ. އެގޮތުން މިހާރު ބައިނަލް އަޤުވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ޚާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ އިންސްޓުރުމަންޓެއްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.
ފިނޭންސް މިނިސްޓްރީންވަނީ ހަޤީޤަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ޢާއްމުނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.