ޚަބަރު

ޤާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން އަރުވައިފި


ޤާނޫނުއަސާސީއާއި ޤާނޫނުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން، ރާއްޖޭގެ ޤާނޫނީ
ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން ސުޕްރީމް ކޯޓުން އަރުވައިފިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި  އަމަން އަމާންކަން ޤާއިމުވެފައި އޮތުން
ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ
ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ. 

އަދި ފުރިހަމަ މިނިވަންކަން
ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު
ރައްކާތެރިކުރުމަށްޓަކައި ފަރުދުންނާއި ދައުލަތުގެ ހައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ސުޕްރީމްކޯޓަށް ލިބިގެންވާ އިޚުތިޔާރާއި ބާރުގެ ބޭނުންކޮށް،
އެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އަޅަމުންގެންދާނެކަމަށް
ސުޕްރީމްކޯޓުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.



ސުޕްރީމް ކޯޓުން މިފަދަ
ބަޔާނެއް ނެރެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ދަތުރުފުޅުކުރައްވަމުންގެންދެވި ރިޔާސީ ލޯންޗްކޮޅުގައި ނުރައްކާތެރި ހާދިސާއެއް
ހިނގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް
ހާނިކަތަކެއް ލިބިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.