ކުޅިވަރު

ބަޖެޓުގައި ކުޅިވަރުގެ ބައިނަލްއަގްވާމީ ގިނަ ވަސީލަތްތަކެއް ޤާއިމްކުރަން ނިންމާފައިވޭ: މިނިސްޓަރ މަޙްލޫފު


މިއަންނަ އަހަރުގެ ބަޖެޓްއިން ކުޅިވަރުގެ ބައިނަލަގްވާމީ ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެ.

ކޮވިޑް19އާއި ގުޅިގެން މިއަހަރު ގާއިމް ކުރުމަށް ނިންމި ގިނަ ވަސީލަތްތަކުގެ މަސައްކަތް މަޑުޖެހިފައިވާކަމަށާއި، ނަމަވެސް މިއަންނަ އަހަރު އެ ވަޞީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. ޕީއެސްއެމް ނިއުސްއިން ގެނެސްދިން 2021ވަނަ އަހަރުގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއަހަރު ނުކުރެވި ހުރި ގިނަ މަސައްކަތްތަކެއް މިއަންނަ އަހަރުގައި ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ފާއިތުވެގެންދިޔަ އަހަރުގައި ނުކުރެވި ހުރި ގިނަ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

ބަޖެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ބައިނަލަގްވާމީ ހޭންޑް ބޯލް ކޯޓާއި އެކުވެނި ސިންތަޓިކް ޓްރެކާއި، ކުރީގެ ކުނިކޮށި ހުރި ބިމުގައި އަޅަން ހަމަޖެހިފައިވާ ސްވިމިންގް ޕޫލްގެ މަސައްކަތް މިހާރުވަނީ ފަށާފައިކަން މިނިސްޓަރ މަހްލޫފު ފާހަގަކުރެއްވިއެވެ. މިގޮތުން ހޭންޑް ބޯލް ކޯޓްގައި އިންޓަރނޭޝަނަލް ފްލޯރިންގް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި، ސްވިމިންގް ޕޫލް ކުރެހުމުގެ މަސައްކަތް ފަށާފައިވާއިރު އެކުވެނި ދުވާ ޓްރެކްގައި ސިންތަޓިކް އެޅުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިއަންނަ އަހަރު ވެގެންދާނީ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރެއްކަމަށާއި މިއަންނަ އަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެކަމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން 2021ވަނަ އަހަރުގެ ބެޖެޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީންވަނީ މިއަހަރުގައި ވަރަށް ގިނަ މަޝްޢޫތަކެއް ހިންގާފައެވެ. މީގެ ތެރެއިން ގިނަ މަޝްޢޫތަށް ހިންގާފަވަނީ އަތޮޅު ތެރޭގައެވެ.