ދުނިޔެ

މީ އެމެރިކާގެ ތާރީޚުގައިވެސް ބޭއްވި އެންމެ ސައްހަ އިންތިޚާބު: އިންތިޚާބީ ކައުންސިލް


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ޔަޤީންކަން ބޮޑު އިންތިޚާބުކަމަށް އިންތިޚާބާއި ބެހޭ ކައުންސިލުން ބުނެފިއެވެ. މި ކައުންސިލަކީ މައި ސަރުކާރުގެ ގިނަ ސްޓޭޓްތަކާއި ސްޓޭޓުތަކުގެ ރަސްމީ އިދާރާތައް ހިމެނޭ ރަސްމީ ކައުންސިލެވެ.

އެ އިދާރާތަކުން އެހެން ބުނެފައިވަނީ ރައީސް ޓްރަންޕަށް ލިބިވަޑައިގަންނަވަންޖެހޭ 2.7 މިލިއަނަށްވުރެ ގިނަ ވޯޓު 'ގެއްލުވާލާފައިވާކަމަށް' އެމަނިކުފާނު ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާފައިވަނިކޮށެވެ.

އިންތިޚާބުގެ ވޯޓުލާ ނިޒާމުތަކާއި ބެހޭ ކަންކަން ބަލަހައްޓާ އިލެކްޝަންސް އިންފްރާސްޓްރަކްޗަރ ގަވަރމަންޓު ކޯޑިނޭޓިން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރަމުންދާކަމަށާއި ހަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދާކަމަށެވެ.

ނަމަވެސް އިންތިޚާބުގެ ސައްޙަކަމާއި ސަލާމަތީ ކަންކަމާއި މެދު އެ ކައުންސިލްގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށާއި އާންމުންވެސް އެ ނިޒާމަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތްކަމަށް އެ ބަޔާނުގައިވެއެވެ. އަދި އިންތިޚާބާއި ބެހޭގޮތުން އެއްވެސް ސުވާލެއް އުފެދިއްޖެ ޙާލަތެއްގައި އެ ޝަކުވާތައް ހުށައަޅަންވާނީ އިންތިޚާބާއި ބެހޭ ރަސްމީ އިދާރާއަށްކަމަށް އެ ބަޔާނުގައިވެއެވެ.

ޔޫއެސް އިލެކްޝަން އެސިސްޓަންސް ކޮމިޝަނާއި ސެކެރެޓަރީ އޮފް ސްޓޭޓުންނާއި ސްޓޭޓުތަކުގެ އިލެކްޝަން ޑިރެކްޓަރުން ހިމެނޭ އެ ކައުންސިލްގެ ބަޔާން އާންމުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީއިންނެވެ.

ރައީސް ޓްރަންޕުގެ ސަރުކާރުގެ އޭޖެންސީއަކުން އެފަދަ ބަޔާނެއް ނެރުމަކީ އޮޅުވާލުންތަކުގެ ސަބަބުން އިންތިޚާބުގައި ނާކާމިޔާބުވެފައިވާކަމަށް ރައީސް ޓްރަންޕު ކުރައްވަމުންދާ ތުހުމަތުތަކުގެ ސައްޙަކަމާއިމެދު އިތުރަށް ސުވާލު އުފެދޭ ކަމެކެވެ.

އެމެރިކާގެ ހުރިހާ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވި އިންތިޚާބާއި ބެހޭ އޮފިޝަލުންވަނީ އިންތިޚާބާއިގުޅޭ ކަންކަން ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކަމާއި އެކުގައިކަމަށް ބުނެފައެވެ. އެއްވެސް ސްޓޭޓަކުން ވޯޓްލާން ބޭނުންކުރާ މެޝިނުތަކުގެ ސަބަބުން ބޮޑު މައްސަލައެއް ދިމާވެފައިވާކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންގެ ތަފާތު ބޮޑުވެ ގިނަ ސްޓޭޓުތައް ކާމިޔާބުކުރައްވާފައިވަނީ ބައިޑަންކަން ޔަޤީންވެފައިވީ ނަމަވެސް އަދިވެސް ބަލި ޤަބޫލުކުރައްވަން ރައީސް ޓްރަންޕު ބޭނުންފުޅު ވެވަޑައިނުގަންވައެވެ.

ކައުންސިލުގެ ބަޔާނު ނެރެފައިމިވަނީ މީގެ ކުރިން އެކަތިގަނޑެއްގެ ގޮތުގައި ސިފަވަމުން އައި ރިޕަބްލިކް ޕާޓީގެ ބައެއް ފަރާތްތަކުގެ މެދުގައި ރައީސް ޓްރަންޕުގެ ގޮތްދޫނުކުރެއްވުމުގެ ސަބަބުން އިންތިޚާބާއި ގުޅިގެން ޢަމަލުކުރާނެ ގޮތަކާމެދު ދެބަސްވުން އުފެދިފައިވަނިކޮށެވެ.