ކުޅިވަރު

ޓެނިސް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާނަން: ނަޒީރު


ޓެނިސް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަނުކުރިނަމަވެސް، ޓެނިސް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށް އަޙްމަދު ނަޒީރު ވިދާޅުވެއްޖެއެވެ.

ޓެނިސް އެސޯސިއޭޝަންގެ ރައީސްކަން ދެ ދައުރުކޮށްފައިވާ ނަޒީރުވަނީ ޓެނިސް ކުރިއެރުވުމަސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިމަހުގައި ބޭއްވި ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގައި އަހްމަދު ނަޒީރު ވާދަކޮށްފައެއް ނުވެއެވެ.

ޓެނިސް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ހާފިޒެވެ. ޓެނިސް އެސޯސިއޭޝަންގެ ރައީސަކަށް ހާފިޒް އިންތިޚާބު ކޮށްފައިވަނީ ރައީސްގެ މަގާމަށް ހާފިޒް އެކަނި ކުރިމަތިލާފައިވުމުން ހޮވި ފެންނަ ނުފެންނަ ވޯޓަކުންނެވެ.

އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ނަޒީރު ވިދާޅުވީ ފައިތުވި ދެ ދައުރުގައި ޓެނިސް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިންހަމަޖެހޭކަމަށެވެ. ޓެނިސް ކުރިއެރުވުމަށް އެންމެ ބޮޑަށް ދިމާވެފައިވާ ގޮސްޖެހުމަކީ ބިމުގެ ދަތިކަންކަމަށާއި ހަތަރުވަނަ ކޯޓެއް މިދިޔަ އަހަރު ލިބުމަކީ އެސޯސިއޭޝަނަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ފާއިތުވެދިޔަ 4 އަހަރަކީ ކުޅުންތެރިން ބިނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ހަތަރު އަހަރު ކަމަށާއި، މިއީ ކުޅުންތެރިންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކުރެވުނު މަސައްކަތެއްކަމަށް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ނަޒީރު ވިދާޅުވިއެވެ. މިހާރު ކުރެވެމުންދަނީ ހުޅުމާލޭގައި ޓެނިސް ކޯޓެއް ވީހާވެސް އަވަހަކަށް އެޅުމުގެ މަސައްކަތްތައްކަމަށް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ނަޒީރު ވިދާޅުވިއެވެ.