ދުނިޔެ

މިސްރުގެ ސައިނާގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވެއްޖެ


މިސްރުގެ ސައިނާގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވެއްޖެއެވެ. ސައިނާގައި
ޙަރަކާތްތެރިވާ މަލްޓިނޭޝަނަލް ފޯސް އެންޑް އޮބްޒާވާސް (އެމްއެފްއޯ)އާއިއެކު މަސައްކަތް ކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޝާމް އައްޝައިޚު ކިޔާ ރިސޯޓު އަވަށެއް ކައިރިއަށެވެ.

އެ ހާދިޘާގައި އެމްއެފްއޯގެ އަށް މެންބަރުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ހަ ރައްޔިތުންނާއި ފަރަންސޭސިވިލާތުގެ ރައްޔިތަކާއި ޗެކް ރިޕަބްލިކުގެ ރައްޔިތަކު ހިމެނެއެވެ. އެ އެންމެންނަކީވެސް އަސްކަރީ ހިދުމަތުގައި ޙަރަކާތްތެރިވަމުންދިޔަ މެންބަރުންކަމަށް އެމްއެފްއޯއިން ބުނެއެވެ. އެ ހާދިޘާގައި އެމެރިކާގެ ރައްޔިތަކު ވަނީ ސަލާމަތްވެފައެވެ. އެ މީހާއަށް ފަރުވާ ދިނުމަށް އިސްރާއީލުގެ ހަސްފަތާލަކަށްވަނީ ގެންގޮސްފައެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް މިކަން ތަހުޤީގުކުރާ ޓީމުން ބުނެއެވެ.

1970ވަނަ އަހަރު މިސްރާއި އިސްރާއީލާއި ދެމެދު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސައިނާގައި ތިބި ސިފައިން މަދުކުރުމުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ އެމްއެފްއޯއިންނެވެ.

ސައިނާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި ދެކޮޅަށް އަވަށްޓެރި ޤައުމުތަކުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި ގުޅިގެން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމްއެފްއޯގެ މެންބަރުންގެ ޢަދަދުވަނީ މަދުކޮށްފައެވެ. ނަމަވެސް އިސްރާއީލާއި މިސްރާއި ދެ ޤައުމުންވެސްވަނީ އެމްއެފްއޯގައި އެމެރިކާއިން ހަރަކާތްތެރިވާ މިންވަރު މަދުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

13 ޤައުމެއްގެ ބައިވެރިވުމާއިއެކު ސައިނާގައި ހަރަކާތްތެރިވާ އެމްއެފްއޯގެ 1،154 އަސްކަރީ ސިފައިންގެ ތެރެއިން 452 މީހުންނަކީ އެމެރިކާއަށް ނިސްބަތްވާ ސިފައިންނެވެ.