ދުނިޔެ

ވެކްސިން ދިނުމުގައި ދަތިވެ ހިމަބިހި ފެތުރޭ މިންވަރު އިތުރުވަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހިމަބިއްސާ ދެކޮޅަށް ވެކްސިން ދިނުމުގެ ހަރަކާތްތަކަށް ބުރޫއަރައި، އެތައް މިލިއަން ކުދިންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު އިތުރުވެފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ފާހަގަވެފައިވަނީ ކޯވިޑާއި އެބޯލާ، ޓީބީ އާއި ފުލޫފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައެވެ. 2010ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާއި ހަމައަށް ހިމަބިހި ޖެހޭ މީހުންގެ ޢަދަދު ދަށްވަމުންގޮސް އެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފައިވަނީ 2017ވަނަ އަހަރުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ގެ ބައިވެރިވުމާއިއެކު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނީ މިދިޔަ އަހަރުގެ ތެރޭގައި 869،770 މީހުންނަށް ހިމަބިހި ޖެހިފައިވާކަމަށެވެ. އަދި އެ ބަލީގައި މިދިޔަ އަހަރުގައި އެކަނިވެސް 207،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށެވެ.

މުޖުތަމަޢު ތެރޭގައި ބަލިފެތުރުން ހުއްޓުވުމަށް ހާސިލްކުރަންޖެހޭ ވެކްސިން ދިނުމުގެ ނިސްބަތަކީ 95 އިންސައްތައެވެ. އެހެންނަމަވެސް މި އަދަދަށް ވެކްސިން ދެވިފައި ނުވުމުން މިދިޔަ އަހަރު ހުރިހާ ސަރަޙައްދެއްގައިވެސް ބަލި ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އަދީ މިއީ 1996ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހުނު މީހުންގެ ޢަދަދު އެންމެ މަތިވި އަހަރުކަމަށްވެސް އެ ރިޕޯޓުގައިވަނީ ބުނެފައެވެ. ހިމަބިހި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް 2016ވަނަ އަހަރާއި އަޅާ ބަލާއިރު 50 އިންސައްތަ ވަނީ އިތުރުވެފައެވެ.

ރިޕޯޓުގައި ބުނީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ހިމަބިއްސާއި ދެކޮޅަށްދޭ ވެކްސިންގެ ދެ ޑޯޒް އެ ދޭންޖެހޭ މުއްދަތުގެ ތެރޭގައި ނުދެވޭތީކަމަށެވެ.

ރިޕޯޓިގައި ބުނީ ކޯވިޑްގެ ސަބަބުން ވެކްސިން ދިނުން މެދުކެނޑުމާއި ގުޅިގެން ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަމަށެވެ. 26 ޤައުމެއްގެ ވެކްސިން ހަރަކާތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 94 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދަނަމް ގެބްރިއޭސުސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގެ ކުޑަކުދިން ހިމަބިހިން ރައްކާތެރިކުރުމުގައި ނާކާމިޔާބުވެފައިވާކަން އެ ހިސާބުތަކުން ދައްކުވައިދޭކަމަށެވެ. އޭގެ އިތުރުން ގާވީ ގުލޯބަލް ވެކްސިން އެލަޔަންސްގައި އިސްކޮށް ހުންނަވާ ސެތު ބާކުލޭ ވިދާޅުވީ ކޯވިޑްގެ ސަބަބުން ވެކްސިން ދިނުމުގެ ހަރަކާތްތައް ނުރައްކާތެރި މިންވަރަކަށް ހުއްޓިފައިވާކަމަށެވެ.

ސީޑީސީއާއި ޑަބްލިއުއެޗުއޯގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކަންބޮޑުވާންޖެހޭ ކަންކަންކަމުގައި ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ރިޕޯޓަކީ ކޯވިޑަށް ސަމާލުކަން ދިނުމުގެ ސަބަބުން ގައިން ގަޔަށް އަރާ އެހެން ބަލިތަކަށް ދޭ ސަމާލުކަން ކުޑަކުރެވެން ނެތްކަމުގެ އިންޒާރެއްކަމަށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޑަބްލިއުއެޗުއޯއާއި ޔުނިސެފުންވަނީ ހިމަބިއްސާއި ޕޯލިއޯއާއި އެހެނިހެން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނަ ނުދިނުމަށް އެދެވޭ ފިޔަވަޅު އެޅުމަށް ސަރުކާރުތަކަށް ގޮވައިލައިފައެވެ.