ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީ ހުންނަ އިމާރާތަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.
ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން އެ ޙަމަލާގައި އެމްބަސީ ހުންނަ އިމާރާތަށް ގިނަ ޢަދަދެއްގެ ވަޒަންވަނީ އަރައިފައެވެ. އެހެންނަމަވެސް އެ ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ނެދަލޭންޑްސްގެ ފުލުހުން ބުނެއެވެ.
ނެދަލޭންޑްސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިޡާގެ ތަހުގީގަށް ޚާއްޞަ ސަމާލުކަމެއްދީގެން ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަކަށެވެ.
ފުލުހުންގެ ތަރުޖަމާނު ސްޓީވެން ވާން ސެންޓޭން ވިދާޅުވީ އިމާރާތަށް ބަޑީގެ ހަމަލާއެއް ދީފައިވާކަމުގެ ޚަބަރު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު ހައެއް ޖެހިއިރުކަމަށެވެ. އެ ސަރަޙައްދުން ގިނަ ޢަދަދަކަށް ވަޒަން ފެނިފައިވާކަމަށެވެ.
ހާދިޘާ ހިނގި ވަގުތު މަންޒަރު ދުށް މީހަކުވާނަމަ އެ މަޢުލޫމާތު ފުލުހުންނާއި ޙިއްޞާކުރުމަށް އާންމުންގެ ކިބައިންވަނީ އެދިފައެވެ. އެ ހާދިޘާއާއި ގުޅިގެން މިހާތަނަށް އެކަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ ޒޮއެތާމީރު އަވަށަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މީހެކެވެ. ނަމަވެސް އެމީހާއާއި ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ސަޢުދީ ޕްރެސް އޭޖެންސީއިންބުނީ އެމްބަސީއަށް ދީފައިވާ ހަމަލާއަކީ ވަރަށް ފިނޑި ޢަމަލެއްކަމަށެވެ. ސަޢުދީ ޢަރަބިއްޔާގެ ދަޢުލަތުގެ ނޫހުގައި ޝާއިޢުކޮށްފައިވާ ބަޔާނުގައި ބުނީ އެމްބަސީގައި މަސައްކަތްކުރާ ފަރާތްތަކުން ހާދިޘާގެ ޚަބަރު ދިނުމާއެކު އެ ސަރަޙައްދު ބަންދުކޮށް، އެމްބަސީއަށް ދިޔުމަށް އޮންނަ މަގުވެސް ބަންދުކޮށްފައިވާކަމަށާއި، ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާކަމަށެވެ. އަދި "ޖިނާޢީ ހެކި" އެ ސަރަޙައްދުން ހޯދާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.
މި ޙަމަލާ ކުށްވެރިކޮށް ސައުދީން ނެރުނު ބަޔާނުގައި ބުނީ ހާދިޡާ މެދުވެރިވުމުން ނެދަލޭންޑްސް ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކާއި މެދު ހިތްހަމަޖެހޭކަމަށްވެސް އެމްބަސީއިންވަނީ ބުނެފައެވެ.
ނެދަލޭންޑްސްގައި ހުންނަ ސަޢުދީ އެމްބަސީއަށް ޙަމަލާދީފައި މިވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ނިމުމުގެ ޒިކުރާ އައުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަހަރާއެއްގައި ހަފުލާއެއް ކުރިއަށްދަނިކޮށް އެ ތަނުގައި އެއްޗެއް ގޮއްވާލިތާ އެއްދުވަސްފަހުންނެވެ. ނަމަވެސް ސަހަރާގައި ހިނގި ހާދިޡާއާއި އެމްބަސީއަށް ދިން ބަޑީގެ ހަމަލާއާއި އެއްވެސް ގުޅުމެއް ވާކަމަށް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ސަޢުދީ ޢަރަބިއްޔާއިންވަނީ ނެދަލޭންޑްސްގައި ތިބި އެ ޤައުމުގެ ރައްޔިތުން ހުށިޔާރުވެ ތިބުމަށް ގޮވައިލައިފައެވެ.