ޚަބަރު

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި


ޓެރަރިޒަމްގެ އަމަލެއް ހިންގަންއުޅުނު ބަޔަކު ހުއްޓުވައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ އެ އަމަލު ހުއްޓުވައި ޙާއްސަ އޮޕަރޭޝަނެއް ފަށައިގެން މިހާރު ކުރިޔަށް ގެންދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިކަމާއި ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައިކަމަށެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، އަދި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާކަމަށް ތުހުމަތު ކުރެވޭ މީހާކަމުގައެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ގެނެސްފައިވާ ކަމަށާއި އިތުރުތަންތަން ބަލައި ފާސްކުރަމުން ދާކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ހިންގުމަށް ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލުތަކެއް ފުލުހުން ހުއްޓުވާފައި ވެއެވެ.