ދުނިޔެ

ބައިޑަންގެ ކާމިޔާބީ ރަސްމީ އިދާރާތަކުން ބަލައި ނުގަންނާތީ ފިޔަވަޅު އަޅަނީ


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޖޯ ބައިޑަންކަމަށް އެ ޤައުމުގެ ރަސްމީ އިދާރާއަކުން ބަލައިގަނެފައިނުވާތީ ޤާނޫނީ ފިޔަވަޅު އެޅުމާއި މެދު ވިސްނަމުންދާކަމަށް ބައިޑަންގެ އިންތިޤާލީ ވަފުދުން ބުނެފިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވީ ކޮން ބޭފުޅެއްކަން ސާފުވުމުން ދަ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ)އިން އާންމުގޮތެއްގައި އެ ކެންޑިޑޭޓަކީ ކުރިއަށް އޮތް ދަޢުރުގެ ރައީސްގެ ގޮތުގައި ބަލައިގަނެއެވެ. އޭގެ ބޭނުމަކީ އިންތިޤާލީ މަރުހަލާ އަވަހަށް ފެށުމެވެ. އެމެރިކާގެ ގިނަ ނޫސް އިދާރާތަކުން އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ބައިޑަންކަމަށް ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގައި އިޢުލާނުކޮށްފައިވީ ނަމަވެސް މިހާތަނަށް އިންތިޚާބު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ޖީއެސްއޭއިން ބަލައިގަނެފައެއް ނުވެއެވެ.

އެމެރިކާގެ ޤާނޫނުގައި ޖީއެސްއޭއިން އިންތިޚާބު ކާމިޔާބުކުރާ ފަރާތް ބަލައިގަންނަންޖެހޭ ވަކި މުއްދަތެއް ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ބައިޑަންގެ އިންތިޤާލީ ވަފުދުންވަނީ އިންތިޚާބު ކާމިޔާބުކުރީ ކޮން ފަރާތަކުންކަން ޔަޤީންވާއިރު ވަގުތުން ވަގުތަށް އެ ކާމިޔާބީ ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅުހެއްދެވުމަކީ ޖީއެސްއޭއިން ނަތީޖާ ބަލައިނުގަންނަންވީ ސަބަބެއް ނޫންކަމަށް ބައިޑަންގެ ޓީމުން ބުނެއެވެ.

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގެ އިންތިޚާބުގައި ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ނާކާމިޔާބުވެވަޑައިގެންނެވި ޓްރަންޕު ދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށްވެސް ދައްކަވާފައެއް ނުވެއެވެ. ބައެއް ސްޓޭޓުތަކުގެ ނަތީޖާއަށް ގޮންޖައްސަވާ ގިނަ މައްސަލަތަކެއްވަނީ ކޯޓަށްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާނެކަމަށް ނުބެލެވޭކަމަށް ޤާނޫނީ މާހިރުންވަނީ ފާހަގަކޮށްފައެވެ.

ޖީއެސްއޭގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ކޮން ބޭފުޅޭއްކަން ޖީއެސްއޭގެ އެޑްމިނިސްޓްރޭޓަރު އެމިލީ މާފީއަށް މިހާތަނަށް ޔަޤީންކުރެވިފައިނުވާކަމަށެވެ. އެމިލީ މާފީއަކީ 2017ވަނަ އަހަރު ޖީއެސްއޭގެ އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ރައީސް ޓްރަންޕު އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވީ ބައިޑަންކަމަށް ޖީއެސްއޭއިން ރަސްމީކޮށް ބަލައިގަނެފައި ނުވާތީ އިންތިޤާލީ މަރުޚަލާގައި ބޭނުންކުރުމަށް ލިބޭ ދަޢުލަތުގެ ފައިސާ ބައިޑަންގެ ވަފުދަށް ނުލިބިދަނީ ލަސްވަމުންނެވެ. ޖާސޫސީ އިދާރާތަކާއި އެހެނިހެން ރަސްމީ އިދާރާތަކާއި އެކު ރަސްމީ ޙައިސިއްޔަތެއްގައި ބައިޑަންގެ ވަފުދަށް ބައްދަލުކުރެވޭނީ ޖީއެސްއޭއިން ބައިޑަންގެ ކާމިޔާބީ ބަލައިގަތުމުންނެވެ. އޭގެ އިތުރުން ޚާރިޖީ ވުޒާރާއާއި ރަސްމީ ހައިސިއްޔަތުން މުޢާމަލާތް ނުކުރެވޭތީ އެހެން ޤައުމުތަކުގެ ލީޑަރުންނާއި މުޢާމަލާތު ކުރުމުގެ ފުރުޞަތު ބައިޑަނަށް ލިބިވަޑައިނުގަންނަވާކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.