މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ށ. މިލަންދޫ އާއި އދ. މާމިގިލީގައެވެ.
މާލެއިން މިލަންދޫއަށް ދަތުރުކުރި ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް އާންމު ފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާއި ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްކަމަށް ޕޮލިހުން ވިދާޅުވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން އެރަށު ބަނދަރުމަތިން ހައްޔަރުކޮށް ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުޑަ ރަބަރު ދެ ޕެކެޓާއި، ބަނގުރާ ފުޅިއެއް އެމީހުން އަތުން ފެނިފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން 26 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސްވަނީ ޖަހާފައެވެ. އަދި 28 އަހަރުގެ މީހާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އދ. މާމިގިލީގައި ހިންގި އޮޕަރޭޝަނަކީ މާމިގިލިން އެ އަތޮޅު ހަންޏާމީދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި މާމިގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މި މަހުގެ 9 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި މާމިގިލީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.