މުލަކަތޮޅު ނާލާފުށީގައި ޓްރެފިކް އެވެއަރނެސް ޕްރޮގްރާމެއް ފުލުހުން ހިންގައިފިއެވެ.
މި ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށްވެސް އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި މުލީ ޕޮލިސް ސްޓޭޝަނާއި، ނާލާފުށީ ކައުންސިލް އިދާރާ ގުޅިގެން، އެއްގަމުދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާކުރުމާއި، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތުވެސް މި ޕްރޮގްރާމްގައި ދީފައިވާކަމަށާ، ޓްރެފިކް ކޮންޓްރޯލްކޮށް މެނޭޖްކުރުމާ، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެކަންކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުންވެސް އެއްގަމު އުޅަނދު ދުއްވަންވީ މިންގަނޑުތަކާއި، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައިވާކަމަށާއި، ޤާނޫނު ނެގެހެއްޓުމަށްޓަކާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް ނާލާފުށީގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.