މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު އިއްޔެ ކުރެއްވި މި ޒިޔާރަތުގައި، ވަކިވަކި ގައިދީންނާއި ބައްދަލުކުރައްވައިފައިވެއެވެ. އެގޮތުން ގައިދީންގެ އާދޭސްތައް އަޑުއައްސަވައި، ގައިދީންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ މާފުށީ ޖަލުގެ ހައި ސެކިއުރިޓީ ޔުނިޓުތަކުގެ ކަންކަން ހިނގަމުން އަންނަ ގޮތްވެސް ބައްލަވާލައްވާފައެވެ.
މިނިސްޓަރ އިމްރާން މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައި ވަނީ ދޫނިދޫ ޖަލުގެ ބައެއް ގޮޅިތަކުގައި ބޯން ކަމުނުދާ ފެން ފޯރުކޮށްދޭ ކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ބަޔާނެއްވެސް ނެރެފައި ވަނިކޮށެވެ.