ޚަބަރު

ކުށްކުރާ އަދަދު މަދުވި ނަމަވެސް ވައްކަމާއި ފޭރުން އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ފުލުހުންނަށް ހުށަހެޅި ކުށުގެ އަދަދު މަދުވެއްޖެ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި (އޭޕްރިލް އިން ޖޫންގެ ނިޔަލަށް) ރިޕޯޓްކޮށްފައިވަނި 1331 މައްސަލައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައިވެސް ފުލުހުންނަށްއެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައީ މަސްތުވާ ތަކެތީގެ މައްސަލަތަކެވެ. ތިންވަނައަށް އެންމެ ގިނައީ މާރާމާރީގެ މައްސަލަތަކެވެ. މިއަހަރުގެ މިހާތަނަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މާރާމާރީ ކުށްތަކަށްވުރެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޓްރެފިކް ޤަވާޢިދު ތަކާއި ޚިލާފުވުމުގެ މައްސަލަތަކާއި އެކްސިޑެންޓްގެ މައްސަލަތަކެވެ.

ދެވަނަ ކުއާޓަރުގައިވެސް އެންމެ ގިނައީ ވައްކަމަށް ވާއިރު، އެ އަދަދު ވަނީ ދެގުނަ އިތުރުވެފައިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މާލެ އަދި އަތޮޅުތެރެއިންވެސް ވައްކަމުގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައި ވެއެވެ. މިގޮތުން ޖުމްލަ 1131 ވައްކަން ރިޕޯޓްކޮށްފައިވެއެވެ.

މިކުއާޓަރގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ މަސްތުވާތަކެއްޗާއި ގުޅޭ 300 މައްސަލައެވެ. މީގެ އިތުރުންވެސް ޓްރެފިކް ޤަވާޢިދާއި ޚިލާފުވެގެންނާއި އެކްސިޑެންޓްތަކުގެ ގޮތުގައި 156 މައްސަލައަކާއި، ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ 93 މައްސަލައަކާއި، އަންހެނުންނަށް ކުރާ އަނިޔާގެ 51 މައްސަލައަކާއި، ސައިބަރ ކްރައިމްގެ 150 މައްސަލައިގެ އިތުރުން އެއްވެސް ފުލުހުންގެ ތަފާސް ހިސާބުތައް ހިމަނާފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުށްކުރުން އެންމެ ގިނައީ ސިޓީތަކުގައެވެ. އެގޮތުން ރާއްޖޭގައި ކުރި ކުށްތަކުގެ 62 ޕަސެންޓަކީ މާލެ ޞަރަޙައްދުގައި ކޮށްފައިވާ ކުށްތަކެވެ.