ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް އަނެއްކާވެސް ރާއްޖޭގެ ސަރަހައްދަށް ވެއްޓިއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު ވެއްޓުނު ބެލޫންވެސް ވެއްޓިފައި ވަނީ، ގދ ވާދޫ އާއި ދިމާއިން ބޭރުން މާކަނޑަށެވެ. އެހެން ކަމުން އެސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު، އިއްޔެ ހެނދުނު 8:30 ގައި ލިބުމާއި ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިޔާގެ އޮޕަރޭޝަންސް ސެންޓަރާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީ އާއި އެއަރ ޓްރެފިކް ކޮންޓްރޯލް ގުޅިގެން ދިޔައީ މޮނީޓަރ ކުރަމުން ކަމަށެވެ. އަދި ވެއްޓުނު ބެލޫން ރާއްޖޭގެ ލޯކަލް އެޖެންޓާއި، ހަވާލުކުރުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސްކޮޑްރަންއިން މަސައްކަތް ކުރަމުންދާކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުވެސް ގޫގަލް "ލޫން ޕްރޮޖެކްޓް" ބެލޫންއެއް، ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވަނީ ވެއްޓިފައެވެ.
ގޫގަލް ލޫން ޕްރޮޖެކްޓަކީ، ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.