އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 10 މިލިއަނަށް ހުރަސްކޮށް މައްޗަށް އަރައިފިއެވެ. މިއީ އެއް ޤައުމަކުން އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ. ކޯވިޑް-19ގެ ތިންވަނަ ރާޅެއް އެމެރިކާގައި ފެތުރި 10 މިލިއަން މީހުންނަށް ބަލިޖެހިފައިވަނީ މުޅި ދުނިޔެއިން ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 50 މިލިއަން ހުރަސްކުރި ދުވަހުއެވެ.
ފާއިތުވި 10 ދުވަހުގެ ތެރޭގައި އެމެރިކާގައި އެއް މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މީގެ 293 ދުވަސްކުރިން އެ ޤައުމުގައި ބަލިފެތުރެން ފެށި ފަހުން ބަލިފެތުރޭ މިންވަރު އެންމެ މަތިވި ޢަދަދަދެވެ. ފާއިތުވި ހަތް ދުވަހުގެ ތެރެއިން ފަސް ދުވަހު އެ ޤައުމުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުހުރީ 100،000އަށްވުރެ މަތީގައެވެ. މުޅި ހަފުތާގައި ދުވާލެއްގެ މައްޗަށް ބަލިޖެހިފައިވާ މީހުންގެ އެވަރެޖު ޢަދަދަކީ އޭގެ ކުރީ ހަފުތާއަށްވުރެ 29 އިންސައްތަ އިތުރު ޢަދަދެކެވެ. އެއީ އޭޝިޔާއާއި ވިލާތުން ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިންޑިޔާއާއި ފަރަންސޭސިވިލާތާއި ދެ ޤައުމުގައި އެ މުއްދަތުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ އެވަރެޖު ޢަދަދަށްވުރެ މަތީ ޢަދަދެކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެމެރިކާގައި 102،726 މީހުންނަށްވަނީ ބަލިޖެހިފައެވެ.
ކޯވިޑް-19 ޖެހިގެން އެމެރިކާގައި މިހާތަނަށް 237،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުވާލެއްގެ މައްޗަށް އެމެރިކާގައި މަރުވާ މީހުންނަކީ ކޯވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވާ ކޮންމެ 11 މީހުންގެ ތެރެއިން އެކަކެވެ. ވިދިވިދިގެން ފަސް ދުވަސްވަންދެން އެމެރިކާގައި މަރުވާ މީހުންގެ ޢަދަދުވަނީ 1،000އަށްވުރެ އިތުރުވެފައެވެ. އެމެރިކާގެ ޙާލަތު މީގެ ކުރިން އެމިންވަރަށް ގޯސްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. ޞިއްޙީ މާހިރުން ބުނީ ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ހަތަރު ހަފުތާއާއި ހަ ހަފުތާއާއި ދެމެދުގެ މުއްދަތެއްގައި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް އާންމުގޮތެއްގައި އިތުރުވާން ފަށައިކަމަށެވެ.
އެމެރިކާގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑިމޮކްރަޓުންގެ ކެންޑިޓޭޓު ޖޯ ބައިޑަންވަނީ ކޯވިޑް-19ގެ ސަބަބުން ޤައުމަށް މެދުވެރިވެފައިވާ ޙާލަތު ރަނގަޅުކުރުމަކީ އޭނާގެ ވެރިކަމުގައި އެންމެ އިސްކަން ދެއްވާނެ މަސައްކަތްކަމަށް ވިދާޅުވެފައެވެ. އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރުމަށް 12 މެންބަރުންގެ ޓާސްކު ފޯހެއް އިޢުލާނުކުރެއްވުމަށް ބައިޑަންދަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެ ޓާސްކު ފޯހުގައި އެންމެ އިސްކޮށް ހުންނަވާނީ ކުރީގެ ސާޖަން ޖެނެރަލް ވިވެކު މުރުތީއާއި ކުރީގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ކޮމިޝަނަރު ޑޭވިޑް ކެސްލާއެވެ.
ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ބައިޑަން ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން އެމެރިކާގައި ބަލިފެތުރުން ހުއްޓުވާނެ ރޭވުންތައް ރޭވުމުގެ މަސްޢޫލިއްޔަތު އެ ޓާސްކު ފޯހަށް ރަސްމީކޮށް ޙަވާލުކުރައްވާނެއެވެ.