ކުޅިވަރު

އާ ކުޅުންތެރިންތަކަކާއެކު ޤައުމީ ޓީމްގެ ޕްރެކްޓިސް އައްޑޫގައި


ނިއުރޭޑިއަންޓާއި މާޒިޔާގެ ކުޅުންތެރިން ނުލައި އާ  ކުޅުންތެރިންތަކަކާއެކު، ޤައުމީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް މިއަދު އައްޑޫ ސިޓީގައި ފަށައިފިއެވެ. ޤައުމީ ޓީމްގެ އާކޯޗު ނިއުޒީލެންޑްގެ ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމް ކުރި ފުރަތަމަ ޕްރެކްޓިސް އޮތީ މިއަދު ހަވީރު އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.ޤައުމީ ޓީމްގެ ސީނިއަރ މުޙިއްމު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ނިއުރޭޑިއަންޓާއި މާޒިޔާގެ ކުޅުންތެރިން ނުލައިވެސް މިއަދުގެ ޕްރެކްޓިސްގައި 18 ކުޅުންތެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި 4 ކީޕަރުން ހިމެނެއެވެ. ކުރިން ތިބި ކީޕަރުންގެ އިތުރަށް ވިކްޓްރީގެ ޒުވާން ކީޕަރ މުޙައްމަދު ޖަޒްލާން ވަނީ ސްކޮޑްގައ ހިމަނާފައެވެ. މިފަހަރުގެ ސްކޮޑުގައި އަލަށް ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޓީސީގެ އަހުމަދު ޒާދު، ލެންސިޔާގެ ކެޕްޓަން އިބްރާހީމް އަބުދުﷲ، މިޑްފީޑަރ އަހުމަދު ވިސާމް، އަހުމަދު ރިލްވާން، ޔޫސުފް ރަމީޒް، ވިކްޓްރީގެ ހިސާމް ސަލީމް، އީގަލްސްގެ އަހުމަދު ރިޒްވާން، އަހުމަދު ނޫމާން، ހަމްދާން އިބްރާހީމް، ޖުތާޒް މުޙައްމަދު އަދި މަހިބަދޫގެ ސަމޫހު އަލީ ހިމެނެއެވެ. މިކުޅުންތެރިން ވަނީ މިއަދު އޮތް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.މީގެއިތުރުން ޤައުމީ ސްކޮޑުން މުޅިން އަލަށް ޖާގަ ހޯދި ނިއުރޭޑިއަންޓްގެ ޒުވާން ދެ ކުޅުންތެރިންކަމަށްވާ އަހުމަދު ސުހެއިލްއާއި، މުޙައްމަދު ކަރަމް ޤައުމީ ޓީމްގެ ޕްރެކްޓިސްގައި ބަިއވެރިވާނީ ޕްރެޒިޑެންޓްކަޕްގެ ފައިނަލަށް ފަހުގައެވެ. މާޒިޔާއާއި ނިއުގައި ހިމެނޭ ޤައުމީ ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ޤައުމީ ޓީމާއި ގުޅޭނީ އަންނަ މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީގައި ކުޅޭ ޕްރެޒިޑެންޓްކަޕްގެ ފައިނަލް މެޗަށްފަހުގައެވެ. ޤައުމީ ޓީމްގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދުވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ. ފައިނަލް މެޗުގައި  ވާދަކުރާނީ އެދެޓީމެވެ.ޤައުމީ ކޯޗު ސްވިޒަރލެންޑްގެ ރިކީ ހާބަޓް ބުނީ އެދެކްލަބްގެ ނިންމުމަށް ފުރިހަމައަށް އިހްތިރާމްކުރާކަމަށެވެ. އެއީ މުޙިއްމު ފައިނަލެއް އެދެޓީމްގެ ކުރިމަތީގައި އޮތުމުންނެވެ. ރާއްޖެއިން ބޭރުގައި ކުޅެމުންދާ ކެޕްޓަން އަލީ އަޝްފާޤާއި ވައިސްކެޕްޓަން މުޙައްމަދު އާރިފްވެސް އަދި ސްކޮޑާއި ނުގުޅެއެވެ.