ޚަބަރު

މެއި، ޖޫންގެ އޯލެވެލް އިމްތިޙާނަށް ހުޅުވާލައިފި


އަންނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.

2021ގެ މެއި/ޖޫންގައި ބާއްވެމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން މައުލޫމާތު ދެއްވައެވެ.

އެގޮތުން ފޯމު ދޫކުރުމާއި ފޯމް ޗެކް ކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 1:30 އަށް އެގްޒޭމިނޭޝަންސް ޑިޕާޓްމަންޓުންނެވެ.

އަދި ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީއެއް ގެނައުމަށާއި ފޯމް ބަލައިގަންނާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންކަމަށް ޑީޕީން މައުލޫމާތުދެއްވައެވެ.

އަންނަ އަހަރުގެ މެއި/ޖޫން އިމްތިޙާނަކީ ރާއްޖޭގެ އޯލެވެލް ހަދާ ދަރިވަރުންނަށް ހާއްސަ އިމްތިހާނެކެވެ.
މޭއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިޙާނުގައި ރާއްޖޭގެ ފަނަރަސަތޭކަ ނަވާވީސް ކުދިން މިއަންނަ އަހަރު އިށީންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނުވަނީ ފަސްކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ ސިލަބަސް ކަވަރުކޮށް އެ އިމްތިޙާނުތަކަށް ތައްޔާރުވާން ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީއެވެ.