ދުނިޔެ

އުރުދުޣާންގެ ދަނބިދަރިކަލުން ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި


ތުރުކީވިލާތުގެ މާލީ ވަޒީރު އަދި އެ ޤައުމުގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާންގެ ދަނބިދަރިކަލުން، ބެރަތު އަލްބައިރަކު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އުމުރުން 42 އަހަރުގެ އަލްބައިރަކު އިސްތިޢުފާ ދެއްވާފައިވާކަން އިޢުލާނުކުރެއްވީ މީސް މީޑިޔާގައެވެ. އިންސްޓުރާމުގައި ކުރެއްވި ޕޯސްޓެއްގައި އަލްބައިރަކު ވިދާޅުވީ އޭނާ އިސްތިޢުފާ ދެއްވަން ނިންމެވީ ޞިއްޙީ މައްސަލަތަކެއް ހުރުމުންކަމަށާއި ޢާއިލާއާއިއެކު އިތުރު ވަގުތު ހޭދަކުރައްވަން ބޭނުންވާތީކަމަށެވެ. އަލްބައިރަކު އިސްތިޢުފާ ދެއްވައިފައިވާކަން ތުރުކީވިލާތުގެ މާލީ ވުޒާރާއިންވަނީ ޔަޤީންކޮށްދީފައެވެ.

ތުރުކީވިލާތުގެ މާލީ ވަޒީރުގެ މަޤާމަށް އަލްބައިރަކު ޢައްޔަނުކޮށްފައިވަނީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ކުރިން ތިން އަހަރު ވަންދެން ހަކަތައާއިބެހޭ ވަޒީރުގެ މަޤާމު އޭނާވަނީ ފުރުއްވާފައެވެ. އަލްބައިރަކުގެ އިސްތިޢުފާ އިޢުލާނުކުރައްވާފައިވަނީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި މަރުކަޒީ ބޭންކުގެ އިސްވެރިޔާ މުރަތު އުއިސަލް މަޤާމުން ވަކިކޮށް އެ މަޤާމަށް ކުރީގެ މާލީ ވަޒީރު ނަސީ އަގްބަލް އައްޔަނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ތުރުކީވިލާތުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫވެސްވަނީ ޓްވިޓާ މެދުވެރިކޮށް އިސްތިޢުފާ އިޢުލާނުކުރައްވާފައެވެ. ނަމަވެސް އިސްތިޢުފާ ބަލައިގަންނަވަން ރައީސް އުރުދުޣާން ދެކޮޅު ހެއްދެވުމުން އޭނާވަނީ އިސްތިޢުފާ އަނބުރާ ގެންދަވާފައެވެ.

އަލްބައިރަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ އުރުދުޣާންގެ ދަރިކަނބަލުން އިސްރާއާއެވެ. މި ދެ ބޭފުޅުންގެ ހަތަރު ބޭފުޅުން ތިއްބަވައެވެ. މާލީ ވަޒީރުކަމުގެ މަޤާމާއި އަލްބައިރަކު ޙާވާލުވެވަޑައިގަތީ ތުރުކީވިލާތުގެ އިޤްތިޞާދަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. ފައިސާގެ އަގުދަށްވެފައިވަނިކޮށް މަޤާމާއި ޙަވާލުވެވާޑައިގެންނެވި އަލްބައިރަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވީ ކޯވިޑް-19 ފެތުރި ޤައުމުގެ އިޤްތިޞާދަށް އިތުރަށް ނޭދެވޭ އަސަރުކުރަން ފެށުމުންނެވެ. ބަލިމަޑުކަމުގެ ތެރޭގައި އެންމެ އެދެވޭ ގޮތަށް އަލްބައިރަކުގެ މަސްޢޫލިއްޔަތު ޢަދާކޮށްފައިނުވާކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން އަލްބައިރަކު މަސައްކަތްކުރެއްވީ ކަލިކް ހޯލްޑިންގްސް ކިޔާ ކުންފުންޏެއްގެ ސީއީއޯގެ ގޮތުގައެވެ. 2015ވަނަ އަހަރު ހަކަތައާއިބެހޭ ވަޒީރުގެ މަޤާމަށް އައްޔަނުކުރުމުގެ ކުޑަ ދުވަސްކޮޅެއް ފަހުން ރައީސް އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓު ޕާޓީގެ ފަރާތުން ޤާނޫނު ހަދާ މަޖިލީހަށް އޭނާ ހޮވިވަޑައިގަތެވެ. މަޝްރަހު ދިރާސާކުރައްވާ ބައެއް މާހިރުން ބުނީ ރައީސް އުރުދުޣާން މަސައްކަތްކުރައްވަމުން ދިޔައީ އުރުގުޣާންއަށްފަހު ތުރުކީވިލާތުގެ ރައީސްކަމަށް އަލްބައިރަކު ގެނައުމަށް އޭނާ ތައްޔާރުކުރުމަށްކަމަށެވެ.

ބައެއް މާހިރުން ބުނީ އަލްބައިރަކުގެ ޞިއްޙީ މައްސަލަތަކަކީ އޭނާ އިސްތިޢުފާދޭ ހަޤީޤީ ސަބަބުކަމާއި މެދު ސުވާލު އުފެދޭކަމަށާއި އަލްބައިރަކާއި އޭނާއަށް ވާގިވެރިވާ ފަރާތްތައް ސަރުކާރުން ބޭރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބެލެވޭކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދަރިކަލުން އަދި މުޝީރު ޖެރެޑް ކުޝްނާއާއި އަލްބައިރަކާއި ދެމެދު ގާތް ގުޅުމަށް އޮންނައިރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަންޕަށް ނާކާމިޔާބުވުމުން އެ ގުޅުމަކީ ރައީސް އުރުދުޣާނަށް ދެން މުހިންމު ގުޅުމަކަށް ނުވާނެކަމަށް މާހިރަކު ބުންޏެވެ.