އައިޖީއެމްއެޗާ ދިމާ މޫދު ބޭރުން މޫދުގައި ނިޔާވެފައި އޮއްވައި ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު ނިޔާވެފައިވަނީ ގެނބިގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސިދުރަތުﷲ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އެނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ހެދި ޕޯސްޓްމޯޓަމް ޓެސްޓުގެ ޕްރެލިމިނަރީ ރިޕޯޓުގެ ނަތީޖާ ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ އޭނާ ނިޔާވި ސަބަބެއްކަމަށް ފާހަގަވެފައިވަނީ ގެނބިގެންކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު އެއްޗެއް ކައިފައި ވުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކެއްކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން އެނގޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މިހާރުވެސް އޭނާގެ ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދާ އިތުރު ބައެއް ތަހުލީލުތައް ރާއްޖެއިން ބޭރުގައި ކުރިއަށްދާކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ސިދުރަތުﷲ ނިޔާވެފައި އޮއްވާ އައިޖީއެމްއެޗާ ދިމާ މޫދުން ފެނިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އޭނާ ފެނުނުރިއރު ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރުމާއެކު އޭނާގެ މަރަކީ ގުދުރަތީ މަރެއްކަމާ މެދު ޝައްކުތަކެއް އުފެދުމުންނެވެ. ސިދުރަތުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައެވެ.