ޚަބަރު

ކ.ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމާއި ގުޅޭ މައްސަލައެއް އިސްތިއުނާފްކުރުމުގެ ހުއްދައަށް އޭޖީން އެދިއްޖެ


ކ.ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެފައިވާތީ ލީޒް ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ ހުއްދައަކަށް އެޓާރނީ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.

ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެ 18 ޖެނުއަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީކޮށްދީފައި ނުވާތީ އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗަރ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ ސިވިލްކޯޓަށް މައްސަލަ ހުށައެޅިއެވެ.

އަދި އެ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އެންގުމަށާއި އެ އެގްރީމަންޓުގެ ދަށުން ލީޒް ކުރުމަށް ހަމަޖެހިފައިވާ ފަޅު އެކުންފުންޏަށް ލީޒް ކުރުމާއި ބެހޭގޮތުން އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓޤރީއާއި ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދަޢުވާކުރުމުން އެކުންފުނި 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކޮށްދިނުމަށާއި، މާސްޓަރލީސް އެގްރިމަންޓްގައި 5 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ހުކުމްކޮށްފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލާގައި 2014 ޖުލައި 15ގައި ޙުކުމް ކުރައްވާފައިވަނީ އެ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި، ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރާތާ 5 ދުވަހުގެ ތެރޭގައި މާސްޓަރ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށެވެ. ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ މައްސަލަ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން މި މައްސަލަ ތަޙުޤީޤުކޮށް، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓްވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށް އެކަމުގެ ތުހުމަތު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދަށް ކުރެވޭކަމަށް ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، ޕީޖީ އޮފީހުން، ޢަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 25 ގައި ހުށަހަޅާފައިވާކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއްކަމުގައި ބަލައިގެންކަން އެނގެން އޮންނައިރު، ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ތަޙްޤީޤު ރިޕޯޓުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، އެ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮންނަކަމށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން އޭޖީ އޮފީހަށް ލިބިފައިވާ އައު ހެއްކާއި މަޢުލޫމާތުތަކުން، މި މައްސަލައިގެ ޙުކުމަކީ ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަށް އޮތް ޙުކުމެއްކަމަށް ފެންނާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ހައިކޯޓަށް އެމައްސަލަ ހުށަހަޅާފައިވާކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.