ޚަބަރު

ބޮސްނިއާގެ ބޮޑުވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ބޮސްނިއާގެ ބޮޑުވަޒީރު ޒޯރަން ތެގެލްތިހާއަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ބޮސްނިއާގެ ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު ވަޒީރަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި ގެކޮޅުގައި އެކަހެރިވެވަޑައިގެން ހުންނެވިކަމަށެވެ. ބަލީގެ ކުދިކުދި އަލާމަތްތާއް ބޮޑުވަޒީރުގެ ފަރާތުން ފެންނަމުންދާ ކަމުގައި ވިޔަސް ޙާލުކޮޅު ރަނގަޅުކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ބޮސްނިއާގައި މިހާތަނަށް 61،212 މީހުންނަށް ކޯވިޑް-19 ޖެހި 1490 މީހުންވަނީ މަރުވެފައެވެ. މިދިޔަ ހުކުރު ދުވަހުގައި ކޯވިޑް-19 ޖެހިގެން ރެކޯޑު ޢަދަދެއްގެ މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،785 މީހުންނަށް ބަލިޖެހި 33 މީހުންވަނީ މަރުވެފައެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި އިނގިރޭސިވިލާތުގެ ވަލީއަޙުދު ޗާލްސާއި ރަޝިޔާގެ ބޮޑުވަޒީރު މިޚައިލު މިޝުސްޓިނާއި މޮނާކޯގެ ޕްރިންސް އެލްބަޓާއި ބުރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯއާއި ބޮލީވިޔާގެ ރައީސް ޖެނީން އަންޔޭޒުގެ އިތުރުން ހޮންޑޫރަސްގެ ރައީސް ހުއާން އޮރުލަންދޯ ހަރުނަންދޭސްއަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ އިތުރުން ޕޯލެންޑުގެ ރައީސް އަންދުރުޒެޖް ޑޫޑާއަށާއި އިންޑިޔާގެ ނައިބު ރައީސް ވެންކަޔާ ނައިޑޫއާއވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. ޤައުމުތަކުގެ ވަޒީރުންނާއި ސަރުކާރުގެ އެހެން އިސް ފަރާތްތަކަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ.