ޚަބަރު

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މައުލޫމާތު ނައިބް ރައީސް ހޯއްދަވައިފި


ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ހޯއްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ހެލްތު ކޮމިޓީގެ މީހުންނާ ބައްދަލުކުރައްވާ މިކަމާގުޅޭ މަޢުލޫމާތު ހޯދާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ނައިބު ރައީސްއާއެކު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބުރައީސް ވަނީ، މި ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.