ކުޅިވަރު

އެންމެ ޕްރެޝަރު މެޗަށްފަހު ސުޒޭންއާއެކު މާޒިޔާ ފައިނަލަށް


ޕެނަލްޓީގައި ޓީސީ ބަލިކޮށް، ޕްރެޒިޑެންޓްކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ މާޒިޔާ ހޯދައިފިއެވެ. މާޒިޔާ ފައިނަލުން ޖާގަ ހޯދީ މިއަދު އައްޑޫ ސިޓީގައި ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ޓީސީއާއި ވާދަކޮށް ޕެނަލްޓީގައި 4-2 ން ކުރި ހޯދައިގެންނެވެ. މެޗުގެ 90 މިނިޓްގެ ތެރޭގައި ހުސް ފުރުޞަތުތަކެއް ތަނަވަސް ނުކުރެވުނު ނަމަވެސް، ދުރުން ބާރު ބައެއް ބޯޅަތައް ދެޓީމުންވެސް ފޮނުވާލިއެވެ. މެޗުގެ ތެރޭގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ ދެވަނަ ހާފްގެ ފަހު ދިހަ މިނިޓްގެ ތެރޭގައި މާޒިޔާއަށް ލިބުނު ޕެނަލްޓީއެވެ. އަހުމަދު އިމާޒަށް އިބްރާހީމް ރިޒްވާން ކުރި ފައުލަށް ދިން ޕެނަލްޓީ މުޙައްމަދު އުމެއިރު ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.ޕެނަލްޓީގައި މާޒިޔާގެ މުޙައްމަދު އިރުފާން ފުރަތަމަ ޖެހި ޕެނަލްޓީވެސް ބޭރަށް ގޮސް ޓީސީގެ ފަހަރެއްކަމަށް ބެލެވުނެވެ. އެއީ ޓީސީގެ ފުރަތަމަ ޕެނަލްޓީ ޔޮހެއި ކާމިޔާބުވެސް ކުރުމުންނެވެ. ނަމަވެސް ޓީސީން ދެން ޖެހި ދެ ޕެނަލްޓީވެސް މާޒިޔާގެ އިސްކޮޅުން ދިގު ކީޕަރު ޕަވެލް ދިފާއުކޮށް، މާޒިޔާއަށް އިތުބާރު ހޯދައިދިނެވެ. ޓީސީގެ ދެވަނަ ޕެނަލްޓީއާއި ތިންވަނަ ޕެނަލްޓީވެސް ކީޕަރު މަތަކުރިއެވެ. އެއީ އަލީ ނާފިއުއާއި، ނާއިޒް ހަސަންގެ ޕެނަލްޓީއެވެ. ޓީސީން ހަތަރުވަނަ ޕެނަލްޓީ ރަފެއަލް ކާމިޔާބުކުރި ނަމަވެސް، މާޒިޔާގެ ފަސްވަނަ ޕެނަލްޓީ މުޙައްމަދު އުމެއިރު ކާމިޔާބުކުރުމުން މާޒިޔާ ފައިނަލަށް ދިޔައެވެ. މާޒިޔާގެ އެހެން ޕެނަލްޓީތައް ކާމިޔާބުކުރީ މޫސާ ޔާމީންއާއި، އަހުމަދު ނާޝިދުއާއި، ސަމްދޫހު މުޙައްމަދެވެ.މެޗަށްފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ކެރިއަރުގެ އެންމެ ޕްރެޝަރު އެއް މެޗުކަމަށެވެ.ފައިނަލްގައި މާޒިޔާ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ވާދަކުރަން ޖެހޭނީ ނިއުރޭޑިއަންޓާއެވެ. މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ.