ދުނިޔެ

ޑޮކްޓަރުންތައް މަރާލުމުން ކިޔަވައިގެން އައިސް ލެބެއް ހުޅުވާ ފަރުވާދެނީ


ބޭރު ޤައުމެއްގައި ޑޮކްޓަރުކަން ކިޔެވުމަށްފަހު އެނބުރި ޤައުމަށް އައިސް ލާރިކޮޅެއް އެއްކޮށްގެން ސޮމާލިއާގެ ޑޮކްޓަރެއްކަމަށްވާ އަބްދުﷲ ޝައިޚުދޮން ދީނީ އޭނާ ދިރިއުޅޭ މޮގަދިޝުގެ ފުރަތަމަ އެޑްވާންސްޑް ޑައިގްނޮސްޓިކް ލެބޯޓްރީ ހުޅުވީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. ކަން ދިމާކުރި ގޮތުން އެ ލެބޮޓްރީ ހުޅުވި ދުވަސްވަރު ވެގެން ދިޔައީ ސޮމާލިއާގައި އެފަދަ ކުލިނިކެއް ހުޅުވޭނެ އެންމެ ރަނގަޅު ދަނޑިވަޅަށެވެ. އެ ކުލިނިކު ހުޅުވިތާ ދެ މަސް ދުވަސް ފަހުން ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަން އެފުރިކާގެ އެ ޤައުމަށް ފޯރިއެވެ.

އިތުރު ފަސް ޑޮކްޓަރުންނާއިއެކު ޤާއިމްކޮށްފައިވާ މެޑިޕާކު ޑަޔަގްނޯސްޓިކްސްގެ ނަމުން ނަންދީފައިވާ ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހޯދުމަށް ހަ ޑޮކްޓަރުން އެކުވެގެންވަނީ އެއް މިލިއަން ޑޮލަރު ހޯދާފައެވެ. އެ މަރުކަޒަކީ އެފަދަ ގޮތަކަށް ބޭނުންވާ ސާމާނު ހޯފައިވީނަމަވެސް އެތަނަކީ ސޮމާލިއާގެ ބަލިކަށި ޞިއްޙީ ނިޒާމަށް އެންމެ މުހިންމު އެއް ތަންކަމުގައިވަނީ ވެފައެވެ.
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ މޮގަދިޝަކީ އެއް ޒަމާނެއްގައި އާދައިގެ ލޭގެ ތަހުލީލެއްގެ ނަތީޖާ ލިބުމަށްވެސް އެތައް ހަފުތާއެއް މަޑުކުރަންޖެހުނު ސަރަޙައްދެކެވެ. ނަމަވެސް އެޗުއައިވީއާއި ހެޕަޓައިޓިސް ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ ތަހުލީލުތައް މިހާރު އެ ސިޓީގައި ކުރެވެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުންކަމަށް މެޑިޕާކުގެ މުހިންމުކަން ސޯމާލިއާގެ ސަރުކާރުންވެސްވަނީ ފާހަގަކޮށްފައެވެ. އިންޑިޔާއާއި ޗައިނާގައި ތަޢުލީމު ހާޞިލްކޮށްފައިވާ ދީނީ ބުނީ މެޑިޕާކުގައި ބޭނުންވާ މެޝިނުތައް ހުރިކަމަށާއި ލެބުގައި މަސައްކަތްކުރާ މޮލެކިއުލާ ޕެތޮލޮޖިސްޓުންނަކީ ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ކޯވިޑް-19 ތަހުލީލު ކުރަމުންދާ އެހެން މާހިރުންނާއި މުއާމަލާތް ކުރަމުންދިޔަ ބައެއްކަމަށެވެ. ދީނީ ބުނީ ހުރިހާ ފަރާތްތަކުންވެސް އެމީހުންގެ މަސައްކަތް ބަލައިގަތްކަމަށެވެ.

މިދިޔަ ޖުލައި މަހާއިހަމައަށް މެޑިޕާކަކީ މޮގަދިޝުގައި ކޯވިޑް-19އަށް ތަހުލީލު ކުރަމުންދިޔަ ހަމައެކަނި އަމިއްލަ މަރުކަޒެވެ. ނަމަވެސް އެ ސެންޓަރުގެ ޓެކުނީޝަނުން މިހާރުވަނީ ކޯވިޑް-19އަށް ތަހުލީލުކުރާނެ ގޮތް ސަރުކާރުގެ ހެލްތު ވޯކަރުންނަށް ދަސްކޮށްދީ ތަމްރީނުކޮށްފައެވެ.

މެޑިޕާކުންވަނީ ލެބަށް ބޭނުންވާ އެކި ކަހަލަ ރީއެޖެންޓުތައް އިންޑިޔާ މެދުވެރިކޮށް އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އެގޮތުން ކޯވިޑަށް ތަހުލީލުކުރުމަށް ބޭނުންކުރާ ޕީސީއާރު ތަހުލީލުވެސް ހިމެނެއެވެ. ވިލާތުންނާއި އޭޝިޔާއާއި އެމެރިކާއިން އެތެރެކޮށްފައިވާ މުހިންމު މެޝިނުތައް ބޭނުންކޮށް ބެލެހެއްޓުމަށް ކެންޔާއާއި ލުބުނާނާއި އިންޑިޔާއަށް ނިސްބަތްވާ ޓެކްނީޝަނުން މެޑިޕާކުގައި މަސައްކަތްކުރެއެވެ.

1991ވަނަ އަހަރުން ފެށިގެން ސޮމާލިއާއަކީ ހަމަނުޖެހުންތަކެއް ތެރޭގައި އޮންނަ ޤައުމެކެވެ. ކޮލެރާފަދަ ބަލިތަކަކީ އެ ޤައުމުގައި އާންމު ބައްޔެކެވެ. އެ ޤައުމުގެ އާބާދީގެ ތެރެއިން 2 މިލިއަނަށްވުރެ ގިނަ މީހުންނަކީ ކާބޯތަކެތީގެ ދަތިކަން ތަހައްމަލް ކުރަމުންދާ ބައެކެވެ. ގިނަ ޢަދަދެއްގެ މީހުންނަކީ ތޮށްޖެހިފައިވާ އަދި ނުތާހިރު މާހައުލުތަކުގައި ދިރިއުޅެމުންދާ މީހުންނެވެ. އެއާއެކު ކޯވިޑް-19ގެ ބިރުވެރިކަން އެ ސިޓީއަށްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިހާތަނަށް ސޯމާލިއާގެ ޙާލަތު ހީކުރި މިންވަރަށް ގޯސްވެފައެއް ނުވެއެވެ. އެ ޤައުމުގައި މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 4،229 މީހުންނަށެވެ. އަދި މަރުވެފައިވަނީ 117 މީހުންނެވެ.

މެޑިޕާކު ޤާއިމްކޮށްފައިވަނީ 2009ވަނަ އަހަރު ހިންގި ބޮމުގެ ހާދިޘާއެއްގައި 19 މީހުން މަރުވި ހޮޓާ ޝާމޯއާއި ޖެހިގެންނެވެ. އެ ހާދިޘާ ހިންގާފައިވަނީ އެ ހޮޓަލުގައި ޑޮކްޓަރުކަން ކިޔަވާ ނިމުނު ދަރިވަރުންކަތެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ކުރިއަށް ދަނިކޮށެވެ. އެ ހަދިޘާ ހިނގި ވަގުތު އެތަނުގައި ދީނީވެސް ހުއްޓެވެ. އެ ހާދިޘާގެ ހިތި ހަނދާނުގައި ބިންވަޅު ނެގިފައިވާނަމަވެސް ދީނީ އާއި އޭނާގެ އެކުވެރި ޑޮކްޓަރުންދަނީ ތަޢުލީމު ހާޞިލްކުރުމަށްފަހު އަމިއްލަ ސިޓީއަށް އެނބުރި އައިސް މަސައްކަތްކޮށް މުޖުތަމަޢުއަށް ހެޔޮ ބަދަލެއް ގެނައުމުގެ ފުރުޞަތު ލިބުނީތީ އެކަމާއި އުފާކުރަމުންނެވެ.