އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއް މިލިއަނަށްވުރެ ގިނަ މުސްލިމުން ވޯޓުލާފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް، ކެޔާއިން ބުނީ މި އަހަރުގެ އިންތިޚާބުގައި ރެކޯޑު ޢަދަދަކަށް މުސްލިމުން ވޯޓުލާފައިވާކަމަށެވެ. ކެޔާއިން ބުނީ މުސްލިމުން ވޯޓުލާ ގެބިސީތަކުގެ ގޮތުގައި ދަފްތަރުކޮށްފައިވާ 844 ގޭބިސީގައި ދިރިއުޅޭ މީހުންގެ ތެރެއިން 84 އިންސައްތަ މީހުންވަނީ އިންތިޚާބުގައި ވޯޓުލާފައިވާކަމަށް ބުނެފައިކަމަށެވެ.
އެ ދިރާސާއިން ބުނީ ކެޔާގައި ދަފްތަރުކޮށްފައިވާ މުސްލިލުމްގެ ތެރެއިން 69 އިންސައްތަ މީހުން ވޯޓުލާފައިވަނީ ބައިޑަނަށްކަމަށާއި 17 އިންސައްތަ މީހުން ވޯޓުލާފައިވަނީ އިތުރު ދައުރަކަށް ކުރިމަތިލެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށްކަމަށެވެ. މި އަހަރުގެ އިންތިޚާބުގައި ޓްރަންޕަށް މުސްލިމުންގެ ފަރާތުން ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތް 2016ވަނަ އަހަރާއި ބަލާއިރު ހަތަރު އިންސައްތަ ގިނަކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. 2016ގެ އިންތިޚާބުގައި ޓްރަންޕަށް ލިބިވަޑައިގަތީ މުސްލިމުންގެ 13 އިންސައްތަ ވޯޓެވެ.
އިންތިޚާބަށް އެންމެ މުހިންމު އެއް ސްޓޭޓު ކަމުގައިވާ މިޝިގަން ސްޓޭޓަކީ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ސްޓޭޓެކެވެ. އެހެންކަމުން މި އަހަރުގެ އިންތިޚާބަށް މުސްލިމުންގެ ދައުރު އޮތީ ވަރަށް މުހިންމުވެފައެވެ.
އަރަބް އެމެރިކަން އިންސްޓިޓިއުޓު، އޭއޭއައިއިން އިންތިޚާބުގެ ކުރިން ކުރި ދިރާސާއަކުންވަނީ އެމެރިކާގެ އަރަބި ދަރިފަސްކޮޅަށް ނިސްބަތްވާ މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ތާޢީދުކުރަނީ ބައިޑަނަށްކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި ޓްރަންޕަށް ތާއީދުކުރަނީ އޭގެ ތެރެއިން 35 އިންސައްތަ މީހުންނެވެ. އަރަބި ނަސްލަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތުންނާއި މުސްލިމުން ދެ ޕާޓީއަށްވެސް ތާއީދުކުރާކަމަށް މީގެ ކުރިންވަނީ ފާހަގަވެފައެވެ.
ރިޕަބްލިކުންގެ ދީނީ މިނިވަންކަމުގެ ސިޔާސަތުތަކާއި އާއިލީ ކަންކަމުގައި ދެކޭ ގޮތަށް މުސްލިމުންނާއި އަރަބިން ތާއީދުކުރާއިރު ހިޖުރަވެރިންނާއިމެދު ޢަމަލުކުރުމުގައި ޑިމޮކްރަޓުން ގެންގުޅޭ ސިޔާސަތުތަކަކީވެސް އަރަބިންނާއި މުސްލިމުން ތާއީދުކުރާ ސިޔާސަތުތަކެކެވެ.
މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު މުސްލިމުންނާއިމެދު ދެކެވަޑައިގަންނަވަނީ ރަނގަޅަކަށް ނޫންކަމަށްބުނެ ގިނަ ތުހުމަތުތަކެއް އެމަނިކުފާނަށްވަނީ ރައްދެވެފައެވެ. އެމަނިކުފާނު މީގެ ކުރިންވަނީ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ހަ ޤައުމަކުން އަންނަ މީހުންނަށް އެމެރިކާއަށް އެތެރެނުވެވޭނެގޮތަށް ހަދާފައެވެ.