ދުނިޔެ

އިންތިޚާބު ނިމެން އަދި ގާތްވެސް ނުވޭ: ރައީސް ޓްރަންޕު


އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމެން 'އަދި ގާތްވެސް ނުވާކަމަށް' އެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންފައިވާ އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ.
ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވައިފައިވާކަމަށް އެމެރިކާގެ ގިނަ ޓީވީ ނެޓްވޯކްތަކުން ވަނީ އިޢުލާނުކޮށްފައެވެ.

ތިން ދުވަހުގެ އިންތިޒާރަކަށްފަހު ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ވާދަވެރިކަން ބޮޑު ސްޓޭޓެއްކަމުގައިވާ ޕެންސިލްވޭނިއާގެ އަޣުލަބިއްޔަތު ހޯއްދަވާ ރައީސްކަމަށް އިންތިޚާބުވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހަމަކުރައްވައިގެންނެވެ.

ގިނަ ނޫސް އިދާރާތަކުން އިންތިޚާބު ބައިޑަން ކާމިޔާބުކުރައްވާފައިވާކަމަށް އިޢުލާނުކުރުމުން ރައީސް ޓްރަންޕުވަނީ އިންތިޚާބުގެ ނަތީޖާއަށް އަންނަ ހަފުތާގެ ތެރޭގައި ކޯޓުގައި ގޮންޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންތިޚާބު ނުނިމެނިސް ކާމިޔާބު ލިބިވަޑައިގެންފައިވާކަމަށް ބުނުމަށް ބައިޑަން އަވަސްވެގަންނަވާފައިވާ ސަބަބު ސާފުކަމަށާއި ބައިޑަނަށް ވަފާތެރި ނޫސް އިދާރާތަކުން އޭނާއަށް އެހީތެރިވަމުންދާ ސަބަބުންވެސް ސާފުވާކަމަށެވެ. ބައިޑަނާއި އޭނާއަށް ވާގިވެރިވާ ފަރާތްތަކުން ހަގީގަތް ހާމަވުމަށް ނޭދޭކަމަށް ޓްރަންޕު ވިދާޅުވިއެވެ.

މި އަހަރުގެ އިންތިޚާބުގައި ގިނަ އޮޅުވާލުންތަކެއް އޮޅުވާލަމުންދާކަމަށް ރައީސް ޓްރަންޕު ދަނީ ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކެވިފައިއެއް ނުވެއެވެ. ބައިޑަން ކުރި ހޯއްދަވާފައިވާ ގިނަ މުހިންމު ސްޓޭޓުތަކުގެ ވޯޓާ ގުޅޭ މައްސަލަތައްވެސް އެމަނިކުފާނުގެ ކެންޕެއިނުގެ ފަރާތުންވަނީ ކޯޓަށް ހުށަހަޅާފައެވެ.