ދުނިޔެ

އެމެރިކާގެ 46ވަނަ ރައީސަކަށް ބައިޑަން


ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.

އެމެރިކާގެ ބައެއް ޓީވީ ނެޓްވޯކްތަކުން ދާދި ދެންމެ އަކު ވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވިކަން އިއުލާންކޮށްފައެވެ.

ތިން ދުވަހުގެ އިންތިޒާރަކަށްފަހު ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ ފެންސެލްވޭނިއާގެ ވޯޓަތަކުން ކުރި ހޯއްދަވާ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

ބައިޑަން އިންތިހާބު ކާމިޔާބުކުރެއްވިއިރު އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރު ރައީސް ޓްރަންޕު ކާމިޔާބުކުރެއްވި ބޮޑެތި ސިޓީތަކުގެ ނަތީޖާ އަނބުރާލައްވާފައެވެ. މީގެތެޜޭގައި އެރިޒޯނާ ، ފެންސަލްވޭނިއާ، ޖޯޖިއާވެސް ހިމެނެއެވެ.

އަންނަ ޖެނުއަރީ މަހުގައި ރައީސް ކަމާއި ޙާވާލުވެވަޑައިގަތުމުން ބައިޑަން ވެވަޑައިގަންނަވާނީ އެމެރިކާގެ 46ވަނަ ރައީސެވެ. އުމުރުން 78 އަހަރުގެ ބައިޑަން ވެގެންދާނީ މިހާތަނަށް އެމެރިކާގެ ވެރިކަމަށް އިސްވެވަޑައިގަންނަވާ އުމުރުގެ ގޮތުން އެންމެ ދޮށީ ރައީސަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ މުހިންމު ސްޓޭޓުތަކުގައި ރައީސް ޓްރަންޕާއި ބައިޑަންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ރައީސްކަމަށް އިންތިޚާބުވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ އެންމެ ފަހު ވޯޓުކޮޅު ކާމިޔާބުކުރެއްވީ 'ބެޓުލްގުރަންޑު' ސްޓޭޓެއްކަމަށްވާ ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. މިހާތަނަށް 284 އިލެކްޓޯރަލް ވޯޓު ބައިޑަން ކާމިޔާބުކުރައްވާފައިވާއިރު ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 214 ވޯޓެވެ. ބައެއް ސްޓޭޓުތަކުގެ ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ.

އިންތިޚާބު ނާކާމިޔާބު ވެޑައިންގެން ޓްރަންޕު ވިދާޅުވަމުން އަދިވެސް ގެންދަވަނީ ވޯޓް ގުނުމުގައި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށެވެ. މިގޮތުން ފޯސްޓުން ވޯޓްލީ މީހުންގެ ވޯޓްތައް ގުނުސް ލަސްކުރަނީ އޭނާ ބަލިކުރަން ކަމަށެވެ. އަދި ވޯޓްތައް ގުނަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ބުނި ނަމަވެސް ޓްރަންޕަށް އޭގެ އެއްވެސް ހެއްކެއް ދެއްކިފައެއްނުވެއެވެ.

މި ފަހަރު އިންތިޙާބުގައި ދުރާލާ ޕޯސްޓުން ވޯޓްލީ މީހުންގެ އަދަދު 100 މިލިއަނާއި ގާތްކުރެއެވެ. އެހެންކަމުން ވޯޓްތައް ގުނުމުގައި ހުރަސްތައް ކުރިމަތިވާނެކަން އޮފިޝަލުން ވަނީ މާ ކުރިންވެސް ބުނެފައެވެ.

ބައިޑަންގެ ކާމިޔާބު އިއުލާންކުރުމުން ޓްރަންޕަށް ތާއީދުކުރާ މީހުން އަންނަނީ އެކަމާއި ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ.