ކުޅިވަރު

ލިއޮނެލް މެސީ އަކީ ބާސެލޯނާއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް: ކޫމަން


ލިއޮނެލް މެސީ އަކީ އަދިވެސް ބާސެލޯނާއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނީ ޗެމްޕިއަންސް ލީގުގެ މިދޔަ ބުދަ ދުވަހުގެ ރޭ ބާސެލޯނާ ޑައިނަމޯ ކީވް އާއި ބައްދަލުކުރި މެޗުގެ ފަހުވަގުތުކޮޅުގައި ޑައިނަމޯއިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކުރަން މަސައްކަތް ކުރަމުންދިޔަ ވަގުތު މެސީ ދަނޑުމަތީގައި ހިނގާފައި އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން އެކަމާމެދު ކޯޗު ދެކޭގޮތެއް އެހުމުންނެވެ. ކޫމަން ބުނީ އޭނާއަށް އެވީޑިއޯ އަދި ނުފެންނަ ކަމަށާއި ވަކި ވީޑިއޯކޮޅެއް ނަގާނަމަ ދަނޑުމަތީގައި ހިނގާ މަންޒަރު ކޮންމެ ކުޅުންތެރިއެއްގެވެސް ނެގިދާނެ ކަމަށެވެ. އަދި ދަނޑު މަތީގައާއި ދަނޑުން ބޭރުގައިވެސް މެސީ ވިސްނުމާއި އަމަލުތައް ވަރަށް ގާތުން ފެންނަ ކަމަށާއި މުޅިންވެސް ފެނިގެންދަނީ ރަނގަޅު ކަންކަން ކަމަށްވެސް ބާސެލޯނާގެ ކޯޗު ބުންޏެވެ.

ސްޕެނިޝް ލަލީގާގައި މިސީޒަންގައި މެސީ ބާސެލޯނާއަށް ކުޅެދިން ހަ މެޗުގައި ޖަހާފައިވަނީ އެންމެ ލަނޑެކެވެ. އަދި ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ. ލަލީގާގައި މިރޭ ކުޅޭ މެޗުގައި ބާސެލޯނާ ނިކުންނާނީ ރެއާލް ބެޓިސް އާއި ދެކޮޅަށެވެ.