ވިޔަފާރި

މަންޓާ އެއަރގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފި


މަންޓާ އެއަރގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރއިން މިފަހަރު ގެނައި ސީޕްލޭންއަކީ ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. މިއީ މަންޓާ އެއަރ އޮޕަރޭޝަނަށް ގެނައި 7 ވަނަ ސީ ޕްލޭންއެވެ.

މިދިޔަ އަހަރުތެރޭ ސީ ޕްލޭންގެ ޙިދުމަތް ފަށާފައިވާ މަންޓާ އެއަރއިން މައުލޫމާތުދޭގޮތުގައި މި ސީ ޕްލޭން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމުގައި ކަމަށެވެ.

މި ސީޕްލޭން ރާއްޖެއަށް އައިސްފައިވަނީ ކެނެޑާއިން ފުރައިގެން 7 ދުވަހުގެ ދަތުރަކަށްފަހުއެވެ.
މަންޓާ އެއަރއިން މިގެނައި ސީޕްލޭންއާއި އެކު އެއަރލައިންގެ ފްލީޓުގައި ހިމެނޭ މަތިންދާ ބޯޓުތަކުގެ އަދަދުވަނީ 10 އަކަށް އަރާފައެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު މަންޓާ އެއަރގެ ފްލީޓުގައި އޮވެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.