ގާތްގަޑަކަށް 200 އަހަރުފަހުން އެތެންސްގައި މިސްކިތެއް ބިނާކޮށް އެ މިސްކިތުގައި އާއްމުކޮށް ނަމާދުކުރަން ފަށައިފިއެވެ. 1833ވަނަ އަހަރު ފެށިގެން އިމާރާތްކުރަމުން އަންނަ މި މިސްކިތް އާއްމުކޮށް ހުޅުވާލީ އިއްޔެގެ ހުކުރު ނަމާދާއިއެކުއެވެ.
ގުރީސްގެ އެތެންސްގައި ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅެއެވެ. ޕާކިސްތާނާއި ސޫރިޔާއާއި އަފްޣާނިސްތާނާއި ބަންގުލަދޭޝްގެ އެތައް ހާސް މުސްލިމުންނެއް ގުރީސްގައި ދިރިއުޅެއެވެ. ނަމަވެސް މީގެ 200 އަހަރު ކުރިން އޮއްޓޮމަނުންގެ ކިބައިން އެތެންސް އަތުލި ފަހުން އެ ސިޓީގައި ރަސްމީ މިސްކިތެއް ނުހުރެއެވެ. ގިނަ އަހަރުތަކެއް ވަންދެން އެކި ފަރާތްތަކުގެ ފިއްތުންތަކުގެ ސަބަބުން ގުރީސްގެ ސަރުކާރުން ޚަރަދުކޮށްގެން މިސްކިތެއް ހުޅުވުމަށް ކުރަމުންދިޔަ މަސައްކަތުގައި ހުރަސްތައް ދިޔައީ ކުރިމަތިވަމުންނެވެ.
އެތެންސްގައި މިސްކިތެއް އެޅުމުގެ ރޭވުންތައް ފުރަތަމަ ވުޖޫދަށް އައީ 1890ގައެވެ. ނަމަވެސް ގުރީސްގައި ދިރުއުޅޭ ނަޞާރާ އޯތޮޑޮކްސް އާބާދީއާއި ނެޝަނަލިސްޓުންގެ އިތުރުން ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މިސްކިތުގެ ރޭވުންތައް ޔަޤީންކުރުމަށް އެތައް އަހަރެއް ހޭދަވެގެން ދިޔައެވެ. އޭގެފަހުން މިސްކިތް ހުޅުވުން ލަސްވެފައިވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނެވެ.
ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މިސްކިތެއް މިހާރު ހުޅުވާފައިވާއިރު އަޅުކަންކުރުމަށް މިސްކިތަށް މީހުން ހާޒިރުވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކުގައެވެ. އެގޮތުން އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ އިޖުތިމާޢީ ގައި ދުރުކަން ބަހައްޓާ މާސްކު އަޅައިގެން ތިބި މަދު ޢަދަދެއްގެ މީހުންނަށެވެ.
މިސްކިތް ހިންގުމާއިބެހޭ ކައުންސިލުގެ މެންބަރެއްކަމަށްވާ ހައިދަރު އާޝިރު ވިދާޅުވީ މިއީ އެތެންސްގައި ދިރިއުޅޭ މުސްލިމުންނަށް ތާރީޚީ ދުވަހެއްކަމަށާއި މިސްކިތެއްގެ އިންތިޒާރުގައި މުސްލިމުން ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. މިނިވަންކަމާއެކު އަޅުކަންކުރެވޭނެ މިސްކިތެއް ލިބުމުން އެކަމަށް ހަމްދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބައެއް މުސްލިމުންވަނީ މިސްކިތް އިމާރާތާއިމެދު ހިތްހަމަ ނުޖެހުން ފައުޅުކޮށްފައެވެ. އެއްވެސް ގުއްބެއްފަދަ އެއްޗެއް ނެތް ވަރަށް އާދައިގެ އިމާރާތެއް މިސްކިތެއްގެ ގޮތުގައި ބޭނުންކުރާތީ އެކަމާއިމެދު ބައެއް މުސްލިމުން ތިބީ ނުރުހިފައެވެ. ވިލާތުގައި ހުންނަ އެހެން މިސްކިތްތަކުގައި ހުންނަ ހައިބަތު އެ މިސްކިތުގައި ނެތްކަމަށް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ. ބޭނުންވާ ފެންވަރަށް މިސްކިތް ކުރިއެރުވުމަށް މަސައްކަތްކުރުމުގައި ދެމި ތިބޭނެކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ކޯވިޑް-19ގެ ސަބަބުން ގުރީސް މިވަގުތު ފުރަބަންދުކޮށްފައިވާތީ މިސްކިތުގައި އަޅުކަންކުރުން ރަސްމީކޮށް ފެށޭނީ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހަށް ފަހުގައެވެ.