ދުނިޔެ

އުއްމީދު ކަނޑާލައިގެން ހުއްޓާ 14 ފިރިހެންކުދިނަށް ފަހު އަންހެން ކުއްޖެއް


އެއްވެސް އަންހެން ކުއްޖަކު ނުލިބި 14 ފިރިހެން ދަރިން ލިބުމުން ސަމާލުކަން ހޯދާފައިވާ މިޝިގަންގެ ދެމަފިރިއަކަށް އެންމެ ފަހުން އަންހެން ދަރިއަކު ލިބިއްޖެއެވެ.

އުމުރުން 45 އަހަރުގެ ކަޓޭރީ ޝްޗޮންޑަށާއި އޭނާގެ ފިރިމީހާ ޖޭ ޝްޗޮންޑަށް އެންމެ ފުރަތަމަ ދަރިއަކު ލިބުމުގެ ގާތްގަނޑަކަށް ތިރީސް އަހަރު ފަހުން ނޮވެމްވަރު މަހުގެ ފަސްވަނަ ދުވަހުގައި ކަޓޭރީވަނީ އަންހެން ދަރިއަކު ވިހައިފައެވެ. ބަރުދަނުގައި 3.4 ކިލޯހުރި އެ ކުއްޖާ ދުނިޔެއަށް އުފަންވީ 14 ބެއިންގެ ހުރި ހަމައެކަނި އަންހެން ކޮއްކޮގެ ގޮތުގައެވެ. ޖޭ ބުނީ އެމީހުންގެ ބޮޑު އާއިލާއައަށް އަނެއްކާވެސް އިތުރު ކުއްޖަކު އުފަންވުމަކީ އެކަމާ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. މި އަހަރަކީ ވަރަށް ގިނަ ގޮތްތަކަކުން އެކި ސަބަބުތަކާއި ހުރެ ހަނދާނުން ފޮހެލަން ދަތި އަހަރެއްކަމަށާއި މި އަހަރު ލިބުނު އެންމެ ބޮޑު ހަދިޔާއަކީ އަލަތު އަންހެން ދަރިފުޅު، މެޖީ ޖޭންކަމަށް އޭނާ ބުންޏެވެ.

"ފޯޓީން އައުޓްޑޯސްމެން" ގެ ނަމުގައި ލައިވް ސްޓްރީމް ޕްރޮގްރާމެއް ހުށަހަޅާ ޝްޗޮންޑު ޢާއިލާއަކީ އެމީހުންގެ ޢާއިލާ ބޮޑުވަމުންދިޔަ ވަރަކަށް ޤައުމުގެ އެކި ނޫސްތަކުގައި އެމީހުންގެ ވާހަކަ ގެނެސްދިނުމުގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ ޢާއިލާއެކެވެ. މިހާރު އަމިއްލަ ދިރިއުޅުމެއް ފަށާފައިވާ އެ ޢާއިލާގެ އެންމެ ދޮށީ ފަރިފުޅު ކަމުގައިވާ އުމުރުން 28 އަހަރުގެ ޓައިލާ ޝްޗޮންޑު ބުނީ އޭނާގެ މައިންބަފައިންނަށް 14 ފިރިހެން ދަރިން ލިބުމުން އެމީހުން ތިބީ ދެން އަންހެން ކުއްޖެއް ލިބޭނެކަމުގެ އުންމީދު ކަނޑާލައިގެންކަމަށެވެ. އޭނާގެ މައިންބަފައިންގެ ގޭގައި އާންމުކޮށް އަންހެން ކުދިން ގަޔާވާ ފިޔާތޮށި ކުލައިގެ އެއްވެސް އެއްޗެއް ހުރިހެނެއް ހީނުވާކަމަށް އޭނާ ބުންޏެވެ.

ކަޓޭރީއާއި ޖޭ ދިމާވެ ލޯބީގެ ގޮތުން ގުޅުނީ ހައި ސްކޫލުގައި ތަޢުލީމު ހާޞިލްކުރަމުން ދިޔަ ދުވަސްވަރުގައެވެ. 1993ވަނަ އަހަރުގެ ތެރޭގައި ކައިވެނި ކުރުމަށްފަހު އެ ދެ މީހުންވަނީ ޔުނިވަސިޓީއަށް ތަޢުލީމު ޙާޞިލްކުރުމަށް ގޮސްފައެވެ. ޔުނިވަސިޓީގައި ފުރިހަމަކުރަމުން ދިޔަ ކޯސް ނިމުމުގެ ކުރިން އެ ދެމަފިރިންނަށްވަނީ ތިން ފިރިހެން ދަރިން ލިބިފައެވެ. ކަޓޭރީއާއި ޖޭގެ ޢާއިލާ ދުވަހުން ދުވަހަކަށް ބޮޑުވަމުން ދިޔަ ނަމަވެސް ދެ މީހުންވެސް ދިޔައީ އިތުރަށް މަތީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ކަޓޭރީ އަތުގައި އިޖުތިމާޢީ މަސައްކަތުން މާސްޓާސް ޑިގުރީއެއް އޮވެއެވެ. ޖޭއަކީ ޤާނޫނީ ވަކީލެއްގެ އިތުރުން އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ.