އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ނިމުނު ފަހުން ހަތަރުވަނަ ދުވަސް މިހާރު މިވަނީ ފެށިފައެވެ. އިތުރު ދައުރަކަށް ކުރިމަރިލައްވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އިދިކޮޅު ޑިކޮމްރަޓުންގެ ކެންޑިޑޭޓު، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނަށް ލިބިވަޑައިގެންފައިވާ ވޯޓުގެ ޢަދަދުގެ ފަރަގު ކުޑަވުމުގެ ސަބަބުން އަދިވެސް އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮން ބޭފުޅެއްކަން ސީދާ ބުނަން ދައްޗެވެ.
ރައީސް ޓްރަންޕާއި އޭނާގެ ސަޕޯޓަރުން ދަނީ އިންތިޚާބު އޮޅުވާލަމުންދާކަމުގެ އެތައް ތުހުމަތެއް ކުރައްވަމުންނެވެ. އެ ތުހުމަތުތަކާއި އެމެރިކާގެ ސިޔާސީ މަޝްރަހުވަނީ ހަލަބޮލިވެފައެވެ. ޓްރަންޕަށް ތާއިދުކުރާ މީހުން އަންނަނީ މަގުމައްޗަށް ނުކުމެ މުޒާހަރާތައް ކުރަމުންނެވެ.
ޓްރަންޕު ތުހުމަތަކާއި ގުޅިގެން ނޫސް މަޖައްލާތަކުގައިވެސް ޚިޔާލުތަފާތުވެ ޓްރަންޕުގެ ބައެއް ވާހަކަތައް ނުދައްކާ މެދުކަނޑާލާ ހިސާބަށްވެސް ވަނީ ކަންކަން ގޮސްފައެވެ. މުޅި ދުނިޔެ އޮތީ އެމެރިކާގެ އިންތިޚާބުގައި ދެން ވާނެ ގޮތެއް އެންގުމުގެ އިންތިޒާރުގައެވެ. ދުނިޔޭގައި ޑިމޮކްރަސީގެ އެންމެ ބޮޑު ޤައުމުގެ ކަންކަން ހިނގާގޮތުން ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އެކި ފާޑިކުޔުންތައް އެމެރިކާއަށް އަމާޒުވަމުންނެވެ. ބައިނަލްއަޤްވާމީ ދުނިޔޭގެ އެކި ޚާރިޖީ ލީޑަރުންވެސް އެ ތުހުމަތުތަކާއި މެދު ދެކިވަޑައިގަންނަވާ ގޮތް ތަފާތެވެ.
މީ އެމެރިކާގެ ލިސްޓުގައި ދެކޮޅުވެރިންގެ ގޮތުގައި އެނމެ ކުރީގައި އޮންނަ އެއް ޤައުމެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާމެދު ފާޑު ވިދާޅުވެފައެވެ. ޚާމަނާއީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ސަބަބުން ޑިމޮކްރަސީގެ ހަޤީޤަތް ހާމަވަމުންދާކަމަށެވެ. ޚާމަނާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ހިނގާފައިވާ އެންމެ އޮޅުވާލުން ބޮޑު އިންތިޚާބުކަމަށް ބުނަމުންދާއިރު އެހެން ވިދާޅުވަމުން ގެންދަވާ ބޭފުޅަކީ އެ ޤައުމުގެ ރައީސް ޑޮނަލްޑު ޓްރަންޕަށްވުމަކީ މީހުންގެ ސަމާލުކަން ހުއްޓިފައިވާ ޑުރާމާއެއްކަމަށެވެ.
ތުރުކީވިލާތާއި ރައީސް ޓްރަންޕާއި ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ދެ ޤައުމަށްވެސް އުނދަގޫ ޙާލަތްތަކުގައި މީގެ ކުރިންވަނީ އޭގެ ފައިދާކޮށްފައެވެ. ޓްރަންޕާއެކު ރަނގަޅު ގުޅުމެއް އޮތްކަމުގައިވީ ނަމަވެސް ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިންވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ކަމުގައި ވިޔަސް އެ ބޭފުޅަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. ޚާރިޖީ ވަޒީރު މެވްލުތް ކަވުސޮގްލީ ވިދާޅުވީ ރައީސްކަމުގެ މަޤާމަށް ކޮންމެ ބޭފުޅަކު ވަޑައިގެން ކަމުގައި ވިޔަސްވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ.
ޒިމްބާބްބޭގެ ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ ތަރުޖަމާނު ޕެޓްރިކް ޝިނަމަސާ ވިދާޅުވީ ކުރީގައި އަޅުން އަޅުވެތިކޮށްގެން ގެންގުޅުނު ބައެއްގެ ފަރާތުން ޑިމޮކްރަސީއާއި ގުޅޭގޮތުން އެ ޤައުމަށް ދަސްކޮށްދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އެމެރިކާގެ އިންތިޚާބީ ނިޒާމަށް އިތުބާރުކުރާކަމަށް ވިދާޅުވެފައެވެ. ބޮރިސް އެހެން ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލަމުންދާކަމަށް ރިޔާސީ ކެންޑިޑޭޓު ޓްރަންޕު ތަކުރާރުކޮށް ތުހުމަތުކުރައްވަމުން ދަނިކޮށެވެ. ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ އެމެރިކާގެ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ޤައުމުގެ 'ޗެކްސް އެންޑް ބެލެންސް' ނިޒާމު މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް ވިދާޅުވީ އެމެރިކާއަކީ އެންމެ މީހެއްގެ ބާރުގެ ދަށުގައިވާ ޤައުމެއް ނޫންކަމަށާއި ބަލިވާ ހިނދު ރީތި ގޮތުގައި ބަލި ޤަބޫލުކޮށް އެއް ފަރާތްވާ މީހަކީ މޮޅުވާ މީހަކަށްވުރެ ޑިމޮކްރަސީއަށް މުހިންމު މީހެއްކަމަށެވެ. މި ޙާލަތުގައި ރޯވެފައިވާ ހުޅުގަނޑަށް ދަރުއަޅަމުންދާ ފަރާތްތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބާއި މެދު ރަޝިޔާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ރަޝިޔާގެ ސަރުކާރުގެ ތަރުޖަމާނު، ޑިމިތްރީ ޕެސްކޮވް ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ޤައުމުގެ މުހިންމު ކަންކަމުގައި ސުވާލު އުފެދޭނަމަ އޭގެ ނޭދެވޭ އަސަރު ބައިނަލްއަޤްވާމީ ދުނިޔެއަށް ކުރާނެކަމަށެވެ. އޭގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާގެ ރިޔާސީ ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް އެނގިގެން ގޮސްފައިވާކަމަށާއި އެ ނިޒާމާއި ގުޅުންހުރި ޤާނޫނުތަކަކީ ވަރަށް ޒަމާންވީ ޤާނޫނުތަކަށްވުމަކީ އޭގެ ސަބަބެއްކަމަށެވެ.
އޭގެ އިތުރުން މުހިންމު ގިނަ ދާއިރާތަކަކަށް ބޭނުންވާ ޤާނޫނުތައް ހަދާފައިނުވާކަމަށްވެސް އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ރަޝިޔާގެ އިދިކޮޅު ސިޔަސީ ލީޑަރު، އެލެކްސީ ނަވަލްނީވަނީ އެމެރިކާގެ އިންތިޚާބުގައި ވޯޓު ގުނުން ލަސްވުމަކީ ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ކަންކަން ކުރިއަށްދާކަމުގެ ނިޝާނެއްކަމަށް ވިދާޅުވެފައެވެ.
ނައިޖީރިއާގެ ސެނެޓަރެއްކަމަށްވާ ޝޭހޫ ސާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ޑިމޮކްރަސީން ދައްކަމުންދަނީ މިނިވަންކަމާއި ރަނގަޅަށް ކަންކަން ކުރިއަށް ގެންދިޔުމުގެ ލާމަސީލު މިސާލެއްކަމަށެވެ. ކޮންމެ ޑިކޮމްރަސީއެއްގައިވެސް ކަމުނުދާ ކަންކަމާއި ނާޒުކު ކަންކަން ހުންނާނެކަމަށާއި އެހެން ހުރިހާ ކަމެއްގައިވެސް ޢަމަލުކުރާގޮތަށް ކޮންމެ ކަމެއްގެވެސް ރަނގަޅު ކަންކަން ލިބިގަނެ ގޯސްކަންކަން ދޫކޮށްލުމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުލިބި ލަސްވާ ލަސްވުމަކީ ޑިމޮކްރަސީ ދައްކުވައިދޭކަމެއްކަމަށް ވިދާޅުވެފައެވެ. މޮރިސަން ވިދާޅުވީ އެމެރިކާގެ ޑިމޮކްރަސީއަށް އޮންނަ އިތުބާރު ވަރަށް ބޮޑުކަމަށާއި އަދި އެ ޤައުމުގެ ރަސްމީ އިދާރާތަކަށް އޮންނަ އިތުބާރުވެސް ވަރަށް ބޮޑުކަމަށެވެ. އެފަދަ ޑިމޮކްރަސީތަކާއި އިދާރާތަކުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ކޮންމެ ކަހަލަ ގޮންޖެހުމަކާއި ކުރިމަތިވި ކަމުގައި ވިޔަސް އެ ކަމަކާ ކުރިމަތިލުންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޮސްޓްރޭލިއާގެ ޑިމޮކްރަސީގެވެސް ސިފައެއްކަމަށް އޭނާ ވިދާޅުވވިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ލެ ޔުޝެންގ ވިދާޅުވީ ޗައިނާއާއި އެމެރިކާއާއި ދެމެދު މައްސަލަތަކެއް ހުރި ނަމަވެސް ދެ ޤައުމުންވެސް ޝައުގުވެރިވާ ބައެއް ކަންކަން ހުރިކަމަށާއި އެ ދާއިރާތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކކަތް ކުރެވިދާނެކަމަށެވެ.
ކައުންސިލް އޮފް ހެޑްސް އޮފް މެމްބާ ސްޓޭޓޭސް އޮފް ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަންގެ 20ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޗައިނާއާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ދެ ޤައުމުގެ ޝައުގުތަކާއި ގުޅިފައިވާކަމެއްކަމަށެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖީންވެސް ލެ ޑްރިއަން ވިދާޅުވީ އެމެރިކާގެ އިންތިޚާބުގެ ކަންކަމުގައި ކަންތައް ވެގެންދާނީ ރަނގަޅަށްކަމަށް ޤަބޫލުކުރައްވާކަމަށާއި އެ ޤައުމުގެ ދިމުކުރާތީ ހަމަތަކުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާ ނިކުތުމަށް މަގުފަހިވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ބުރެޒިލުގެ ރައީސް ޖައީޚް ބޮލްސޮނާރޯ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބު ރައީސް ޑޮނަލްޑް ޓްރަންޕު ކާމިޔާބުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ރައީސް ބޮލްސޮނާރޯވަނީ އެމެޒޯންގެ ރެއިންފޯރެސްޓުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން ދައްކަވާފައިވާ ވަހަކަތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.