އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާ އިންޑިޔާ ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ ކަމާލާ ހެރިސްގެ ޢާއިލާ ނިސްބަތްވާ އިންޑިޔާގެ ތުލަސެންދުރަޕޫރަމް އަވަށުގެ ރައްޔިތުން އެކަމަނާއަށް އޮތް ތާއީދު ފައުޅުކުރަމުން އެބަދެއެވެ.
ޗެންނާއީގެ ގާތްގަނޑަކަށް 320 ކިލޯމީޓަރު ދެކުނުގައި އޮންނަ ތުލަސެންދުރަޕޫރަމަކީ ހެރިސްގެ މަންމަ ފަރާތު ކާފަގެ އުފަން އަވަށެވެ. އެކަމަނާގެ ކާފަ، ޕީވީ ގޮޕަލަން އާއި އޭނާގެ ޢާއިލާ ތުލަސެންދުރަޕޫރަމުން ޗެންނާއީއަށް ހިޖުރަކޮށްފައިވަނީ މީގެ ގާތްގަނޑަކަށް 90 އަހަރު ކުރިންނެވެ. ސަރުކާރުގެ އިސް ވަޒީފާއެއް ޢަދާކުރައްވަމުންދިޔަ ޕީވީ ގޮޕަލަން ރިޓަޔާ ކުރައްވާފައިވަނީވެސް ޗެންނާއީގައެވެ.
ހެރިސްގެ މަންމައަކީ ޕީވީ ގޮޕަލަންގެ ދަރިފުޅެވެ. ތަޢުލީމު ހާޞިލްކުރުމަށް ހެރިސްގެ މަންމަވަނީ އެމެރިކާއަށް ހިޖުރަކޮށްފައެވެ. ތަޢުލީމުގެ ބޭނުމަށް އެމެރިކާއަށް ހިޖުރަކުރެއްވުމަށްފަހު ޖަމައިކާ ބޭފުޅަކާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހެރިސް ހިމެނެއެވެ.
ހެރިސް ތުލަސެންދުރަޕޫރަމްއަށް ޒިޔާރަތްކުރެއްވީ އެކަމަނާގެ އުމުރުން އެންމެ 5 އަހަރުގައެވެ. އެ ދަތުރުގައި ކާފައާއިއެކު ޗެންނާއީގެ ގޮނޑުދޮށްތަކުގައި ހިންގަވާ ވާހަކަ އެމަނާ ވަރަށް ގިނައިން ދައްކަވައެވެ.
އެމެރިކާގެ އިންތިޚާބާއި ދިމާކޮށް ތުލަސެންދުރަޕޫރަމްގެ މަގުތައްވަނީ ހެރިސްގެ ފޮޓޯތަކުން ފުރާލާފައެވެ. އެ އަވަށަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުންދަނީ ހެރިސްއާއެކު އެ މީހުންވާކަމަށް ބުނެ އެކި ކުލަކުލައިން ހިތްވަރުގެ މެސެޖުތައް ދެމުންނެވެ. އެމެރިކާގެ ރައްޔިތުންނެކޭ އެއްގޮތަށް ތުލަސެންދުރަޕޫރަމްގެ ރައްޔިތުންވެސް ތިބީ އިންތިޚާބުގެ ނަތީޖާއަށް ކެތްމަދުވެފައެވެ.
އެ އަވަށުން ވާހަކަ ދެއްކި މީހަކު ބުނީ ބައިޑެނަށާއި ހެރިސަށް އިންތިޚާބު ކާމިޔާބުކުރެވިދާނެކަމުގެ އަޑުތައް އިވެމުންދާކަމަށާއި ބައިޑަނަށާއި ހެރިސަށް އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ތުލަސެންދުރަޕޫރަމްގައި އެކަން ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އެ އަވަށުގެ ރައްޔިތުންދަނީ އިންޓަނެޓު މެދުވެރިކޮށް ވޯޓުގެ ނަތީޖާ ގާތުން ބަލަމުންނެވެ.
މުހިންމު ގިނަ ސްޓޭޓުތަކެއްގައި ބައިޑަނާއި ހެރިސްދަނީ އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ މައްޗަށް ކުރި ހޯއްދަވަމުންނެވެ. މިވަގުތު ކުރީގައި އުޅެނީ ބައިޑަނެވެ.