ކޮސޯވޯގެ ރައީސް ހާޝިމް ތާސީ މަޤާމުން އިސްތިޢުފާދެއްވައިފިއެވެ. 2016ވަނަ އަހަރުގައި ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން 2008ވަނަ އަހަރުގައި އޭނާވަނީ ކޮސޯވޯގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައެވެ. އޭގެ ކުރިން އޭނާވަނީ ކޮސޯވޯ ލިބަރޭޝަން އާމީގެ ކޮމާންޑަރެއްގެ މަޤާމު ފުރުއްވާފައެވެ.
ދަ ހޭގުގައި އޭނާއާއި ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި ޕުރޮސެކިއުޓަރުންވަނީ 1998ވަނަ އަހަރުން 1999ވަނަ އަހަރުގައި ކޮސޯވޯއިން ސާބިއާގެ ސަލާމަތީ ބާރުތަކާއި ދެމެދު ކުރި ހަނގުރާމައިގައި އާންމުންގެ 100 މީހުން މަރާލުމުގެ ޒިންމާ ނަގަންޖެހޭނީ އޭރު ކޮސޯވަން ލިބަރޭޝަން އާމީ، ކޭއެލްއޭގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި ތާސީކަމަށް ބުނެފައެވެ. ނަމަވެސް ތާސީވަނީ އެއްވެސް ގޯހެއް ހަދާފައިނުވާކަމަށް ވިދާޅުވެ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ދެކޮޅު ހައްދަވާފައެވެ. ކޮސޯވޯގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް ޤަބޫލުކުރަނީ ހަނގުރާމައިގައި ޙަރަކާތްތެރިވި ކޭއެސްއޭގެ ކޮމާންޑަރުންނަކީ ބަޠަލުން ކަމުގައެވެ.
ރައީސް ތާސީ އިސްތިޢުފާ ދެއްވާފައިވަނީ ނެދަލޭންޑްސްގެ ދަ ހޭގުގެ ޓްރައިބިއުނަލަކުން އޭނާ ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައިވާކަމަށް ނިންމުމުންނެވެ. ނޫސްވެރިންނާއި ވާހަކަދައްކަވަމުން ތާސީ ވިދާޅުވީ ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް ކަމުން މިވަގުތު އިސްތިޢުފާ ދެއްވުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރައީސް ކަމުން އިސްތިޢުފާ ދެއްވުމަށް ތާސީ ނިންމެވުމާއި ގުޅިގެން ކޮސޯވޯގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމުގެ ފުރުޞަތުވަނީ އިތުރުވެފައެވެ.
ރައީސްކަމުން އިސްތިޢުފާ ދެއްވިފަހުން ތާސީ މިހާރުވަނީ ޙައްޔަރުކޮށް ކޮސޯވޯ ސްޕެޝަލިސްޓު ޝެންބާސްގެ ބެލުމުގެ ދަށަށް ދަ ހޭގަށް ގެންގޮސްފައެވެ. އޭނާ މިހާރު ހުންނެވީ ދަ ހޭގުގައި ހުންނަ ކޮސޯވޯ ޓްރައިބިއުނަލްގެ ޑިޓެންޝަން ފެސިލިޓީއެއްގައެވެ.
ދަ ހޭގުގައި ޤާއިމްކޮށްފައިވާ ޓްރައިބިއުނަލް އުފައްދާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އެ ޓްރައިބިއުނަލް ޤާއިމްކޮށްފައިވަނީ ސާބިއާގެ ބާރުގެ ދަށުގައި އޮތް ކޮސޯވީ މިނިވަންވި 1995ވަނަ އަހަރުގެ ހަނގުރާމައާއި ގުޅޭ މައްސަލަތައް ބެލުމަށެވެ. އެ ޓްރައިބިއުނަލްގައި ހިންގަނީ ކޮސޯވޯގެ ޤާނޫނު ނަމަވެސް އެ ޓްރައިބިއުނަލްގައި ތިބެނީ ބައިނަލްއަޤްވާމީ ފަނޑިޔާރުންނާއި ޕުރޮސެކިއުޓަރުންނެވެ.