ކުޅިވަރު

ސްވިމިންގް ހިންގާ ކޮމެޓީގެ ކޯޗުން ރިޕްރެޒެންޓޭޓިވްއަކަށް ނަފްހާ


ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ކޯޗުން ރިޕްރެޒެންޓޭޓިވްއަކަށް މަރިޔަމް ނަފްހާ ޢަލީ ހޮވިއްޖެއެވެ.

ނަފްހާ މިމަގާމަށް ހޮވިފައިވަނީ ސްވިމިން އެސޯސިއޭޝަންގައި ބޭއްވި އިންތިޚާބުގައި އަޙްމަދު ޒުނެއިޖުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މަރިޔަމް ނަފްހާ ޢަލީއަށް 7 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޒުނެއިޖުއަށް 4 ވޯޓް ލިބިފައިވޭ އަދި މުހައްމަދު ޒާހިދަށް ވޯޓެއް ނުލިބެއެވެ. ސްވިމިންގް އެސޯސިއޭޝަންގެ އެކްސްކޯ ހޮވުމަށް ޖުލައި 26ވަނަ ދުވަހު ބޭއްވުނު އެސޯސިއޭޝަންގެ އައު ހިންގާކޮމެޓީ ހޮވުމަށް ބެއްވި އިންތިޚާބުގައި ކޯޗުންގެ ފަރާތުން ހޮވާ މެންބަރުންގެ މެދުގައި ނެގި ވޯޓުވަނީ އެއްވަރުވެފައެވެ. އެކްސްކޯއަށް ކޯޗުންގެ ފަރާތުން ކުރިމަތިލާފައިވާ އަޙްމަދު ޒުނެއިޖު އާއި މަރިޔަމް ނަފްހާ އަލީ ކޮންމެ މެންބަރަކަށްވަނީ 6 ވޯޓް ލިބިފައިވާއިރު މުހައްމަދު ޒާހިދު ވޯޓެއް ލިބިފައެއް ނުވެއެވެ.

ކޯޗުން ރިޕްރެޒެންޓޭޓިވްއަކަށް ހޮވުނު މަރިޔަމް ނަފްހާ އަލީ ބުނީ ކޯޗުންގެ ޝަކުވާތަކާއި ކޯޗުންނަށް ދިމާވާ ކަންތަށްތަކުގެ ވާހަކަތަށް އެކްސްކޯއާއި ހަމައަށް ގެންގޮސްދިނުމަކީ އެންމެ މުހިންމު ޒިންމާކަމަށާއި ކޯޗުންގެ ކުރިއެރުމަށާއި ކޯޗުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުުރުމަށް ހަމަޖެހިފައިވާކަމަށެވެ.

2006 އިން 2016 އަށް ބްރެސް ސްޓްރޯކްގެ ގައުމީ ރެކޯޑް އޮންނަ ނަފްޙާ ޢަލީ ވަނީ 2015ގައި ސްވިމިން ކޯހެއް ހަންގޭރީގައި ފުރިހަމަކޮށްފައެވެ. ނަފްހާ ޢަލީ އަކީ ފީނާ ލެވެލް 2ގެ ސްވިމިންގް ކޯޗެކެވެ.
ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ތިންވަނަ ދައުރަކަށް ހޮވިފައިވަނީ ކުރިންވެސް އެމަގާމުގައި ކުރި މުޙައްމަދު އަބްދުއްސައްތާރެވެ. ނައިބް ރައީސަކަށް ހޮވިފައިވަނީ އިސްމާޢީލް ޢަލީއެވެ.