ޚަބަރު

ބީއެމްއެލްއިން "ގްރީން ލޯނު" ތަޢާރަފްކޮށްފި


ބީއެމްއެލްއިން ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯން ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ގްރީން ލޯނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ފަންސާސް ހާސް ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެކަމަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓްރެސްޓް ރޭޓަކީ %12 އެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް %10 އަށް ދަށްކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ހަރަދު ކުރަންޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްއިން ޤަބޫލުކުރެއެވެ. ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެއަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.