ދުނިޔެ

100 އަހަރަށްފަހު އެންމެ ގިނަ މީހުން ވޯޓްލީ އިންތިޚާބު، ބައިޑަންގެ ނަން ތާރީހުގެ ތެރެއަށް


އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ޢަދަދެއްގެ ވޯޓު ހޯއްދެވި ކެނޑިޑޭޓަކަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން ވެވަޑައިގެންފިއެވެ.

2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ބަރަކް އޮބާމާވަނީ 69،498،516 ވޯޓު ހޯއްދަވާ އެމެރިކާގެ ތާރީޚުގައިވެސް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ޢަދަދެއްގެ ވޯޓު ހޯއްދެވުމުގެ ރެކޯޑު އޭރު ހާޞިލްކުރައްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ އަދި 2008 ވަނަ އަހަރުގެ އިންތިޚާބުގައި އޮބާމާގެ ރަނިންމޭޓުގެ ގޮތުގައި ހުންނެވި ޖޯ ބައިޑަން މިހާރުވަނީ އޮބާމާގެ ރެކޯޑު މުގުރާލައްވާ މިހާތަނަށް 71.5 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ބައެއް ސަރަޙައްދުތަކެއްގައި ވޯޓު ގުނުން ނިމިފައިނުވާތީ މި ޢަދަދު އަދި ބޮޑުތަނުން އިތުރުވުމަކީ އެކަށީގެންވާކަމެކެވެ.

މި އަހަރުގެ އިންތިޚާބުގައި ރެކޯޑު ޢަދަދެއްގެ މީހުން ވޯޓުލާފައިވާއިރު މިހާތަނަށް ގުނާ ނުނިމޭ އެތައް މިލިއަން ވޯޓެއް އަދިވެސް އެބަހުއްޓެވެ. ބައެއް މީީޑިއާތަކުން ބުނާ ގޮތުގައި އަދިވެސް 23 މިލިއަނެއްހާ ވޯޓު ގުނަންޖެހެއެވެ.

ޖޯ ބައިޑަންއާއި ވާދަކުރައްވާ ރިޕަބްލިކަނުންގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ލިބިވަޑައިގަތް ވޯޓުގެ ޢަދަދުދަނީ 2008ވަނަ އަހަރުގައި އޮބާމާ ހޯއްދެވި ވޯޓުގެ ޢަދަދާއި ގާތްކުރަމުންނެވެ. އެމަނިކުފާނަށް މިހާތަނަށް 68 މިލިއަން ވޯޓުވަނީ ލިބިވަޑައިގެންފައެވެ.

މި އަހަރުގެ އިންތިޚާބު އޮތީ ފާއިތުވި 100 އަހަރުގެ ތެރޭގައި އެމެރިކާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ މަތީ ނިސްބަތަކަށް މީހުން ވޯޓުލީ އަހަރަށް ވުމުގެ މަގުމަތީގައެވެ. މި އަހަރުގެ އިންތިޚާބުގައި މަދުވެގެން 159.8 މިލިއަން މީހުން ވޯޓުލާފައިވާކަމަށް ބެލެވޭކަމަށް މީޑިއާތަކުން ބުނެއެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 66.7 އިންސައްތައެވެ. އެ ޢަދަދު ދިމާވާނަމަ މި އަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ މީގެ ކުރިން ވޯޓުލީ މީހުންގެ ނިސްބަތް އެންމެ މަތިވި 1908ވަނަ އަހަރުގެ 65 އިންސައްތައަށްވުރެ މަތީ ނިސްބަތެކެވެ.