ދުނިޔެ

ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ޓްރަންޕު ހުށަހަޅުއްވަނީ


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވިސްކޮންސިން ސްޓޭޓުގައި ލާފައިވާ ވޯޓުގެ ޢަދަދު އަލުން ގުނަން ވަގުތުން ފެށުމަށް އެދޭނެކަމަށް ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ކެންޕެއިން ޓީމުން ބުނެފިއެވެ.

ރައީސް ޓްރަންޕުގެ ކެންޕެއިން މެނޭޖަރު ބިލް ސްޓީޕެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިސްކޮންސިންގެ ކައުންޓީތަކުގައި ލާފައިވާ ވޯޓުގެ ނަތީޖާގައި މައްސަލަތަކެއް ހުރިކަމުގެ ރިޕޯޓުތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ރިޕޯޓުތަކުގެ އެއްވެސް ތަފްޞީލެއް ސްޓީޕެން ދެއްވާފައެއް ނުވެއެވެ.

ވިސްކޮންސިންގައި ޢަމަލުކުރާ އުސޫލުގެ ދަށުން ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގެ ފަރަގު ހުރީ އެއް ޕަސަންޓޭޖު ޕޮއިންޓުގެ ތެރޭގައިނަމަ ވޯޓު އަލުން ގުނުމަށް ދެ ކެންޑިޑޭޓުންނަށްވެސް ހުށަހެޅިދާނެއެވެ.

ސްޓީޕެން ނެރުއްވި ބަޔާނުގައި ވިދާޅުވީ ވިސްކޮންސިނުން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ޝަރުތު ރައީސް ޓްރަންޕަށް ހަމަވާކަމަށާއި ވަގުތުން ވަގުތަށް އެގޮތަށް ޢަމަލުކުރާނެކަމަށެވެ.

ވިސްކޮންސިންގެ ވޯޓުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައިވަނީ ކޮންބޭފުޅެއްކަން މިހާތަނަށް ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. ރައީސް ޓްރަންޕާއި އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވާދަކުރައްވަމުންދަނީ ވަރަށް އެއްވަރެއްގައެވެ.

އިންތިޚާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު ރައީސް ޓްރަންޕަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 213 ވޯޓެވެ. އަދި ބައިޑަނަށް ލިބިވަޑައިގެންފައިވަނީ 238 ވޯޓެވެ. ބޭނުންވާ ޢަދަދަށް އިލެކްޓޯރަލް ވޯޓު ހަމަކުރުމަށް ދެ ބޭފުޅުންނަށްވެސް ވިސްކޮންސިން ހިމެނޭގޮތަށް އިތުރު ދެ ސްޓޭޓެއްގެ އަޣުލަބިއްޔަތު ހޯދުންވަނީ ވަރަށް މުހިންމުވެފައެވެ. އެ ދެ ސްޓޭޓަކީ ޕެންސިލްވޭނިއާއާއި މިޝިގަންއެވެ.