ޚަބަރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބް ރައީސް ބައްދަލުކުރައްވައިފި


މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވާ އެ ސަރވިސްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހޯއްދަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ޚިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، އެ ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ވަނީ ނައިބް ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ސަރވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.