ދުނިޔެ

އެމެރިކާގެ އިންތިޚާބު: އިލެކްޓޯރަލް ކޮލެޖުގެ ސަބަބުން އިންތިޚާބުގެ ނަތީޖާ އަންނަނީ ކޮން ބަދަލެއް؟


އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުތައް މިހާރު ގުނަން ފަށައިފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ދެ ބޭފުޅުންކަމުގައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަނަށް އާންމުންގެ ވޯޓަށްވުރެ މުހިންމީ އިލެކްޓޯރަލް ވޯޓެވެ. ވައިޓު ހައުސަށް ހޮވިވަޑައިގަންނަވާނީ ކޮން ބޭފުޅޭއްކަން ނިންމާނީ އިލެކްޓޯރަލް ވޯޓުގެ ނަތީޖާއިންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާއިރު ހަޤީޤަތުގައި ރައްޔިތުން ވޯޓުދެނީ ސީދާ ރައީސްކަމަށް ހޮވަން ބޭނުންވާ ފަރާތަކަށް ނޫނެވެ. ރައްޔިތުން ވޯޓުދެނީ ކޮންމެ ސްޓޭޓެއްގެ ނަތީޖާގެ މައްޗަށް ބަލައި އެންމެ މަގުބޫލު ކެންޑިޑޭޓަށް ވޯޓުދިނުމުގެ މަސްއޫލިއްޔަތު ޙާވާލުކުރާނެ ރަސްމީ ފަރާތްތަކެއް ކަނޑައެޅުމަށެވެ. އެ އޮފިޝަލުން ނުވަތަ އިލެކްޓަރުން ހިމެނެނީ އިލެކްޓޯރަލް ކޮލެޖުގެ ތެރޭގައެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖުގެ ޢަދަދަކީ ޤާނޫނު ހަދާ މަޖިލީސްތައް ކަމުގައިވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުން ރަމްޒުކޮށްދޭ ނަންބަރެކެވެ. އޭގެ އިތުރުން ޑިސްޓްރިކްޓް އޮފް ކޮލޮމްބިއާއަށް ކަނޑައަޅާފައިވާ ތިން އިލެކްޓަރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކޮންމެ އިލެކްޓަރެއްގެ ވޯޓު ގުނާނީ އެއް އިލެކްޓޯރަލް ވޯޓުގެ ގޮތުގައެވެ.

ކޮންމެ ޕާޓީއަކުންވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ ފަރާތްތަކުގެ ނަން ހުށަހަޅައެވެ. މިގޮތަށް މަންދޫބުންގެ ނަން ހުށަހެޅުމުގައި އާންމުކޮށް ހުށަހަޅަނީ ގިނަ އަހަރުތަކެއް ވަންދެން ޕާޓީއަށް ޚިދުމަތްކޮށްފައިވާ މީހުންގެ ނަމެވެ.
އިލެކްޓޯރަލް ކޮލެޖުގައި ވޯޓުލާނީ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ހަފުތާތަކެއް ފަހުންނެވެ. އިލެކްޓޯރަލް ކޮލެޖުން މި އަހަރު ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ. ރައީސްގެ ގޮތުގައި އައްޔަނުވުމަށް އިލެކްޓޯރަލް ކޮލެޖުގެ ވޯޓުގެ ދެބައި ކުޅަ އެއްބަޔާއި އަދި އިތުރު އެއް ވޯޓު ކާމިޔާބުކުރަންޖެހެއެވެ. އެއީ 270 އިލެކްޓޯރަލް ވޯޓެވެ.

އެންމެ ގިނަ އިލެކްޓަރުން ތިބެނީ ކޮން ސްޓޭޓުތަކެއްގައި؟

ކޮންމެ ސްޓޭޓަކަށް ލިބިދޭ އިލެކްޓަރުންގެ ޢަދަދަކީ އެ ސްޓޭޓެއްގެ މަންދޫބުން ކޮންގްރެސްގައި ތިބޭ ޢަދަދާ އެއްވަރު ޢަދަދެކެވެ. އެއީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރިޕްރެސެންޓޭޓިވްގައި އެ ސްޓޭޓެއްގެ ފަރާތުން ތިއްބަވާ މެންބަރުންގެ ޢަދަދާއި ކޮންމެ ސްޓޭޓަކުން މަތިގެ ނުވަތަ ސެނެޓުގައި ތިބޭ ދެ މެންބަރުންގެ ޢަދަދާއި އެއްވަރު ޢަދަދެކެވެ.

55 ގޮނޑިއާއެކު އެންމެ ގިނަ ޢަދަދެއްގެ އިލެކްޓަރުން ތިއްބަވަނީ ކެލިފޯނިއާ ސްޓޭޓުގައެވެ. 38 ގޮނޑިއާއިއެކު ދެވަނައަށް އެންމެ ގިނަ އިލެކްޓަރުން ތިއްބަވަނީ ޓެކްސަސްގައެވެ. 29 އިލެކްޓަރުންނާއިއެކު ތިންވަނައިގައި އޮތީ ފުލޮރިޑާއާއި ނިއުޔޯކެވެ.

އެންމެ މަދު ޢަދަދެއްގެ އިލެކްޓަރުން ތިއްބަވަނީ އަލަސްކާ، ޑެލަވެއާ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ، މޮންޓަނާ، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ، ވާމޮންޓު އަދި ވަޔޮމިންގުގައެވެ. އެއިން ކޮންމެ ސްޓޭޓަކުން އިލެކްޓަރުންގެ ގޮތުގެ ގޮތުގައި ތިއްބަވާނީ ތިން ބޭފުޅުންނެވެ.

އިލެކްޓޯރަލް ކޮލެޖުގެ ސަބަބުން ރިޔާސީ އިންތިޚާބަށް ކުރާނީ ކޮން އަސަރެއް؟

ފާއިތުވި ޤަރުނުގައި އެމެރިކާގެ ދެ ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރައްވާފައިވަނީ އާންމުންގެ ވޯޓު އެންމެ ގިނައިން ލިބިވަޑައިގެން ކެންޑިޑޭޓުންނެއް ނޫނެވެ.

2016ވަނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ލިބިވަޑައިގެން އާންމު ވޯޓުގެ ޢަދަދު އިދިކޮޅު ކެންޑިޑޭޓު ހިލަރީ ކްލިންޓަނަށް ލިބިވަޑައިގެން ވޯޓުގެ ޢަދަދަށްވުރެ ތިން މިލިއަން ވޯޓު މަދެވެ. ނަމަވެސް ރައީސް ޓްރަންޕު ހޮވިވަޑައިގަތީ އިލެކްޓަރުންގެ ވޯޓުގެ ގޮތުގައި ހިލަރީއަށްވުރެ 77 ވޯޓު ގިނައިން ލިބިވަޑައިގަތުމުންނެވެ.

2000ވަނަ އަހަރުގެ އިންތިޚާބުވެސް ކުރީގެ ރައީސް ޖޯޖު ޑަބްލިއު ބުޝް އިންތިޚާބު ކާމިޔާބުކުރެއްވީ 271 އިލެކްޓޯރަލް ވޯޓާއިއެކުގައެވެ. އެފަހަރުވެސް އިދިކޮޅު ކެންޑިޑޭޓާއި ބުޝްއަށް ލިބުނު އާންމު ވޯޓުގެ ޢަދަދުގައި 500،000 ވޯޓުގެ ފަރަގެއް ހުއްޓެވެ.