ދުނިޔެ

އެމެރިކާގެ އިންތިޚާބު: ސެނިޓައިޒާގެ ސަބަބުން ވޯޓު ކަރުދާހަށް ގެއްލުން ލިބިދާނެކަމުގެ ބިރު


އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ބަލިމަޑުކަމުގެ ސަބަބުންވަނީ އެތައް އަސަރެއްކޮށްފައެވެ. އެ ހުރިހާ ގޮންޖެހުންތަކާއި އެކުގައިވެސް މިހާރުވަނީ އިންތިޚާބުގައި ވޯޓުލުން ފެށިފައެވެ. ނަމަވެސް ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން މުޅިން އައު ގޮތަކަށް ވޯޓަށް އަސަރުކޮށްފާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ.

ދަ ޔޫއެސް ސެންޓާސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނީ އަލްކޮހޮލް އެކުލެވޭ ހޭންޑް ސެނިޓައިޒަރުގެ ސަބަބުން ވޯޓު ކަރުދާހަށް ގެއްލުން ލިބުމުގެ ފުރުޞަތު އޮތްކަމަށެވެ. ސީޑީސީއިން ބުނީ ސެނިޓައިޒާ ބޭނުންކުރުމަށްފަހު އަތް ތެތްކޮށް ހުއްޓާ ވޯޓު ކަރުދާހުގައި އަތްލުމުން ވޯޓު ކަރުދާސްވެސް ކޮންމެވެސް ވަރަކަށް ތެމި އަވަހަށް ވީދުމުގެ ފުރުޞަތު ބޮޑުވާކަމަށެވެ. އޭގެ ސަބަބުން އިލެކްޓްރޯނިކް ވޯޓުލާ މެޝިނުތައް ތާށިވުމަށް މެދުވެރިވާކަމަށް ސީޑީސީން ބުންޏެވެ.

އެ އިދާރާއިން ބުނީ ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރުމަށް ވޯޓުލާ މަރުކަޒުތަކުގައި ސެނިޓައިޒާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ވޯޓު ކަރުދާހުގައި އަތްލުމުގެ ކުރިން އަތްތިލަ ރަނގަޅަށް ހިކިފައިވޭތޯ ބެލުމަށް ސީޑީސީން ވަނީ ބާރު އަޅައިފައެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ނިއު ހެމްޝްފަޔާގައި ބޭއްވި މުނިސިޕަލް އިންތިޚާބުގައި ތެތްވެފައިވާ ވޯޓު ކަރުދާސް ބޭނުންކުރުމުގެ ސަބަބުން ބައެއް މައްސަލަތައްވަނީ މެދުވެރިވެފައެވެ. މިދިޔަ މަހުގެ ތެރޭގައި ކެލިފޯނިއާގެ ސެކްރަމެންޓޯގައި ބޭއްވި އިންތިޚާބެއްގައިވެސް ވޯޓު ކަރުދާހަށް ސެނިޓައިޒާ ސްޕްރޭ ކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ވޯޓު ކަރުދާސްވަނީ ހަލާކުވެފައެވެ. އެ ފަހަރު ވޯޓު ކަރުދާހުގައި ހުރި ދެލި ކަރުދާހަށް ފޭދި ލިޔެފައިވާ އެއްޗެއް ކިޔަން ނޭނގޭ ވަރަށް ކަރުދާހަށްވަނީ ގެއްލުން ލިބިފައެވެ.