ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބު: ނަތީޖާ އެނގޭނީ ކޮން އިރަކުން؟


އެމެރިކާގައި ދަނީ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލަމުންނެވެ. މިފަހަރުގެ ވޯޓުލުން ކުރިޔަށް މިދަނީ މީގެ ކުރިން ދުވަހަކުވެސް ރިޔާސީ އިންތިޚާބެއް އެމެރިކާގައި ބާއްވާފައިނުވާ ފަދަ ޙާލަތެއްގައެވެ. ވޯޓުގެ ނަތީޖާ ލިބުމުގައިވެސް މި އަހަރު ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ވޯޓުލުން ނިމުމުން އިންތިޚާބު ކާމިޔާބުކުރީ ކޮން ބޭފުޅެއްކަން މިރެއިން މިރެއަށް އިނގޭނެކަމަކަށް ނުބެލެވެއެވެ.

އެހެންކަމަށްވާނަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެނގޭވަރުވާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުދޭކަށް އަދިއެއް ނޭނގެއެވެ. ނަމަވެސް ކަން ހިންގާފާނެކަމަށް ބެލެވޭ ތިން ޙާލަތެއްގެ މައްޗަށް ބަލައިލާނަމެވެ.

މިރެއިން މިރެއަށް ނަތީޖާ ލިބުން

އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ އިލެކްޓޯރަލް ވޯޓުގެ ތެރެއިން 270 ވޯޓު ކޮންމެވެސް އެއް ކެނޑިޑޭޓް ކާމިޔާބުކުރާނެކަމަށް ވޯޓުލާ ދުވަހުގައި ބެލެވިއްޖެނަމަ، އަދި ދެން ވާދަކުރާ ކެންޑިޑޭޓު ބަލި ޤަބޫލުކޮށްފިނަމަ އެއް ދުވަސް ތެރޭގައިވެސް އިންތިޚާބުގެ ކަންކަން ނިންމައިލެވިދާނެއެވެ. ނަމަވެސް މިއީ ވުން ވަރަށް ނާދިރު ކަމެކެވެ.

ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އަދި ނަތީޖާ ޔަޤީންނުވެ އޮންނަ ޙާލަތް

މިފަހަރުގެ އިންތިޚާބުގައި ކަންތައް ވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ މި ސީނާރިއޯއާއި އެއްގޮތަށެވެ. އޭގެ މައިގަނޑު ސަބަބަކީ ވޯޓުލާ މީހުންގެ ޢަދަދު އިތުރުވުމެވެ. އިބްތިދާޢީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އިންތިޚާބުގައި ރެކޯޑު ޢަދަދެއްގެ މީހުން ވޯޓުލާނެއެވެ.

ވޯޓު ގުނުން ލަސްވެގެންދާނެ ސަބަބަކީ މި އަހަރުގެ އިންތިޚާބުގެ ތާރީޚުގެ ކުރިން ހީނުކުރާހާ ގިނަ ޢަދަދެއްގެ މީހުން ވޯޓުލާފައިވުމެވެ. ކޯވިޑް-19ފަދަ ބަލިމަޑުކަމަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ޕޯސްޓު މެދުވެރިކޮށް ވޯޓުލާފައިވާ މީހުންގެ ޢަދަދުވަނީ އެހެން އަހަރުތަކާއި އަޅާބަލައިރު އެތައް ގުނައެއް އިތުރުވެފައެވެ.

އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ފްލޮރިޑާއާއި އެރިޒޯނާއިން މިހާރުވެސްވަނީ ވޯޓު ގުނަން ފަށާފައެވެ. ނަމަވެސް ވިސްކޮންސިންއާއި ޕެންސިލްވޭނިއާފަދަ މުހިންމު ސްޓޭޓުތަކުގައި ރަސްމީކޮށް ވޯޓުލުން ފެށޭ ދުވަހުގެ ކުރިން ވޯޓު ގުނުމުގެ ހުއްދައެއް ނޯވެއެވެ. އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ދުރާލާ ލާފައިވާ ވޯޓު ގުނި ކަމުގައި ވިޔަސް ވޯޓުލާ ވަގުތު ހަމަވުމުން ނޫނީ އެ ސްޓޭޓުތަކުން ވޯޓުގެ ނަތީޖާތައް އިޢުލާނެއް ނުކުރެއެވެ.

އިލެކްޓޯރަލް ނިޒާމުގެ ދަށުން ލާ ވޯޓުގެ ނަތީޖާ ބޮޑަށް ބަރޯސާވަނީ ބައެއް މުހިންމު ސްޓޭޓުތަކުގެ މައްޗަށްކަމުން، 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ކޮން ބޭފުޅެއްކަން ދެނެގަތުން ބަރޯސާވަނީ އެ ސްޓޭޓުތަކުން ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތައް ގުނާ، ޕްރޮސެސްކުރުމަށް ނަގައި ވަގުތުގެ މައްޗަށެވެ.

ޕެންޑެމޯނިއަމްގެ ޙާލަތް ނުވަތަ ވަކި ގޮތަކަށް ނުނިމި އޮޅުންބޮޅުން އެރުން

މިއީ އެއްވެސް މީހަކު ކުރިމަތިލާން ބޭނުންވާނެ ސިނާރިއޯއެއް ނޫނެވެ. ނަމަވެސް މިފަދަ ޙާލަތެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކޮށް ތައްޔާރުވެ ތިބުމަކީ މުހިންމުކަމެކެވެ. ވޯޓުގައި ހުރި ބައެއް މައްސަލަތަކާއި ތަފާތުތަކުގެ ސަބަބުން ދެ ފަރާތަށް ލިބޭ ވޯޓުގެ ޢަދަދާ މެދު ސުވާލު އުފެދުމަކީ ވެދާނެކަމެކެވެ. އެފަދަ ޙާލަތެއްގައި އެ ސަރަޙައްދުގެ ވޯޓު ކާމިޔާބުކޮށްފައިވަނީ ކޮން ބޭފުޅެއްކަން ދެނެގަތުމަށް އުނގަދޫވެއެވެ. އެފަދަ ޙާލަތެއްގައި އެތައް ހަފުތާއަކަށް ދެމިގެންދާ ޤާނޫނީ މައްސަލަތައް ކުރިމަތިވެ، ކޮންގްރެސުން ނުވަތަ ސުޕްރީމު ކޯޓުން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ފަހަރު އައުންވެސް އެކަށީގެންވެއެވެ. އެ ޙާލަތުގައި ރައީސްކަމަށް ހޮވިވަޑައިގަތީ ކޮން ބޭފުޅެއްކަން ނޭނގި އެތައް ހަފުތާއެއް ވަންދެން މަޑުކުރަން ޖެހިދާނެއެވެ.

އެފަދަ ޙާލަތެއްގައިވެސް ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގެ ކުރިން މައްސަލަ ޙައްލުކުރެވޭނެކަމަށް ބެލެވެއެވެ. އެ ތާރީޚަކީ ވަކިވަކި ސްޓޭޓުތަކުގެ ވޯޓު ނަތީޖާތަކުގެ މައްޗަށް ކަނޑައަޅާ، އިލެކްޓޯރަލް ކޮލެޖުން މަޖިލިސް ކުރާ ދުވަހެވެ.

އެ މަޖިލީހުގައި ކޮންމެ ސްޓޭޓެއްގެ އިލެކްޓަރު ރައީސްކަމަށް ގެންނަން ބޭނުންފުޅުވާ ފަރާތަކަށް ވޯޓު ދެއްވާނެއެވެ. އެއަށްފަހު އަންނަ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައި ކޮންގްރެސްގެ ފަރާތުން އިލެކްޓޯރަލް ކޮލެޖުގެ ވޯޓުތައް ގުނައި ރައީސްގެ ގޮތުގައި ކަނޑައަޅާ ބޭފުޅެއް ޔަޤީންކުރާނެއެވެ.

ސަމީދު

ތާކުންތާކު ނުޖެހޭ ސިސްޓަމެއް. މިއަށްވުރެން ރާއްޖެވެސް ހެޔޮ