ޚަބަރު

އަފްޣާނިސްތާނުގެ ޔުނިވަސިޓީއަކަށް ދިން ބަޑީގެ ޙަމަލާއެއްގައި 22 މީހުން މަރުވެއްޖެ


ހަތިޔާރު އެޅި ބަޔަކު އަފްޣާނިސްތާނުގެ ކާބުލްގެ ޔުނިވަސިޓީއަކަށް ދިން ބަޑީގެ ޙަމަލާއެއްގައި 22 މީހުން މަރުވެއްޖެއެވެ. މިއީ ކާބުލްގެ ތަޢުލީމު ދޭ މަރުކަޒަކަށް މި ހަފުތާގެ ތެރޭގައި ޙަމަލާ ދިން ދެވަނަ ފަހަރެވެ.

ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ކާބުލް ޔުނިވަސިޓީއަށް ދިން ޙަމަލާގެ ޒިންމާ އައިއެސްއުންވަނީ އުފުލާފައެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައިވަނީ އެ ޙަމަލާއަކީ ނިރުބަވެރިކަމުގެ ހަޑިހުތުރު ޢަމަލެއްކަމަށް ވިދާޅުވެފައެވެ.

ޙަމަލާގައި މަރުވި މީހުންގެ ޒިކުރާ އައުކުރުމަށް ޤައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ރައީސް އަޝްރަފު ވަނީ އިޢުލާނުކުރައްވާފައެވެ. ޙަމަލާގެ ސަބަބުން ލިބުނު ގެއްލުމާއި ހިތާމައިގެ ތަޢުޒިޔާ މަރުވި މީހުންގެ ޢާއިލލާތަކުގެ އިތުރުން މުޅި ޤައުމަށްވެސް ރައްދު ކުރައްވާކަމަށް ރައީސް އަޝްރަފް ޣަނީ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް އެ ޤައުމުގެ ސަރުކާރާއި ޠާލިބާނުންނާއި ދެމެދު މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގައި ދެމުންދާ ޙަމަލާތައް އިތުރުވެފައިވާކަމަށްވަނީ ފާހަގަވެފައެވެ. އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގައި އަފްޣާނިސްތާނުގެ ތަޢުލީމީ މަރުކަޒެއްގައި ދީފައިވާ ބޮމުގެ ޙަމަލާއެއްގައި 24 މީހުންވަނީ މަރުވެފައެވެ. އެ ޙަމަލާގެ ޒިންމާވެސް ނަގާފައިވަނީ އައިއެސްއުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެ ޖަމާޢަތުން ދައްކާފައެއް ނުވެއެވެ. އެ ޙަމަލާގައި ޠާލިބާނުންގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ޠާލިބާނު ޖަމާއަތުންވަނީ ބުނެފައެވެ.