ދުނިޔެ

ދައްތާ އަހަރެން މިހުރީ ވަރަށް ބިރުން، އަހަރެންގެ އަތުގައި ހިފާފާނަންތަ؟


ދައްތާ އަހަރެން މިހުރީ ވަރަށް ބިރުން، އަހަރެންގެ އަތުގައި ހިފާފާނަންތަ؟ މިއީ ތުރުކީވިލާތަށް އައި ބަރުގަދަ ބިންހެލުމުގައި އިމާރާތެއްގައި ދަށުވި 16 އަހަރުގެ އަންހެން ކުއްޖަކު އޭނާ ސަލާމަތްކުރުމުގައި ޙަރަކާތްތެރިވަމުންދިޔަ މީހުން ކައިރީގައި ފުރަތަމަވެސް އެދުނު އެދުމެވެ. ތުރުކީވިލާތުގެ ޝޮބަކުގައި ހުރި އަށް ބުރީގެ އިމާރާތެއްގެ ދަށުން އެ ކުއްޖާއާއި އެ ކުއްޖާގެ ކުއްތާ ސަލާމަތްކޮށްފައިވަނީ ތުރުކީވިލާތުގެ އިޒްމީރު ޕުރޮވިންސަށް ބާރުގަދަ ބިންހެލުން އައުމުގެ 17ގަޑިއިރު ފަހުންނެވެ.

އިމާރާތުގެ ދަށުން އެކުއްޖާ ސަލާމަތްކޮށް ފަރުވާދިނުމަށް ހަސްފަތާލަށް ދިޔަ ފަހުން އެކުއްޖާ ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ޓީމުންވަނީ އެ ކުއްޖާއަށް ޒިޔާރަތްކޮށްފައެވެ. އެ ޓީމާއި ވާހަކަދައްކަމުން އެކުއްޖާ ބުނީ އޭނާ ސަލާމަތްވީ އޭނާއަކީ ސައިޒުން ކުޑަ ކުއްޖަކަށްވުމުންކަމަށެވެ. ހާދިސާ ހިންގި ވަގުތު އޭނާގެ ބައްޕަ ގޭގައި ނެތުމަކީ ބޮޑު ނަސީބެއްކަމުގައި އެކުއްޖާ ބުންޏެވެ. ބައްޕަ ފަދަ ބޮޑު މީހަކަށް އެކުއްޖާއާއި އެކުއްޖާގެ ކުއްތާ ތާށިވެފައި އޮތް ޖާގަޔަށް ނުފެތުނީސްކަމަށް އެކުއްޖާ ބުންޏެވެ.

ހަސްފަތާލުން އެކުއްޖާ ދޫކޮށްލުމުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ޓީމުން އަދިވެސް އެއްފަހަރު އެކުއްޖާއާ ބައްދަލުކުރާނެކަމަށް ބުންޏެވެ. އެ ބައްދަލުމުގައި އޭނާ ސަލާމަތްކޮށްދިން ފަރާތްތަކަށް އޭނާގެ ވަޔޮލިން ކުޅެދޭނެކަމަށް އެކުއްޖާ ވަޢުދުވިއެވެ.

ހަމަ އެ އިމާރާތުން 70 އަހަރުގެ ފިރިހެނަކުވަނީ ބިންހެލުން ހިންގުމުގެ 33 ގަޑިއިރު ފަހުން ސަލާމަތްކޮށްފައެވެ. އެމީހާގެ ޙާލުވެސް ރަނގަޅުކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ.

އިޖިޔާން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގައި ތުރުކީވިލާތަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. 7.0 ހެކްޓަރުގެ ބާރުގަދަ ބިންހެލުމުގައި އިޒްމީރުގައި ވިއްސަށްވުރެ ގިނަ އިމާރާތް ވެއްޓި 62 މީހުންވަނީ މަރުވެފައެވެ. 900އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މިހާރުވަނީ ހަސްފަތާލުން ދޫކޮށްލައިފައެވެ. މި ވަގުތު ޙާލު ދެރަވެގެން އައިސީޔޫގައި ފަރުވާދެމުންދަނީ 8 މީހުންނަށެވެ.

ގިނަ ޢަދަދެއްގެ މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ކަމާބެހޭ ފަރާތްތަކުން އަދިވެސްދަނީ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ.